ކަސްޓަމަރުންގެ ވެރިފިކޭޝަން ޕްރޮސެސް އިތުރަށް ހަރުދަނާކުރުމަށް ޑީއެންއާރާއެކު ދިރާގުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިކަމާ ގުޅޭގޮތުން މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި ދިރާގުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ، ކަސްޓަމަރ ސާވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސް، މަސްއޫދު އަލީއެވެ. އަދި ޑީ.އެން.އާރްގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ، އަޙްމަދު އަލީއެވެ.
މި ފަހުމުނާމާގައި ސޮއިކުރުމާއި ގުޅިގެން، ދިރާގުން ޑީ.އެން.އާރު މެދުވެރިކޮށް، ޚިދުމަތްތަކަށް އެޕްލައިކުރުމަށްޓަކައި ކަސްޓަމަރުން ހުށަހަޅާ ޤައުމީ އައިޑީ ކާޑުގެ ވެރިފިކޭޝަން އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ކަށަވަރުކޮށްދީ، ކުރިއަށްވުރެ ރަނގަޅުވެގެންވެސް ދާނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ދިރާގުން ވިދާޅުވީ މިފަދަ އެއްބަސްވުމެއްގައި ޑިޕާޓްމެންޓް އޮފް ނެޝްނަލް ރެޖެސްޓރޭޝްން އާއިއެކު ހެދުމަކީ ދިރާގުން ވަރަށް އުފާކުރާ ކަމެއްކަމަށެވެ.
”މި އެއްބަސްވުމުގެ ސަބަބުން ދިރާގުން ކަސްޓަމަރުންނާއި މުއާމަލާތް ކުރާއިރު އެ ކަސްޓަމަރެއްގެ މައުލޫމާތުގެ ސައްހަކަން ސާފު ކުރުމުގައި ފަސޭހަތަކެއް ވެގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންގެ ރައްކާތެރިކަން އިތުރުވެ އަދި އިތުރު ލުއި ފަސޭހަތަށް ވެސް ލިބިގެންދާނެ“ ދިރާގުން ވިދާޅުވި ޢެވެ.
މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ޚިދުމަތްތަކަށް އެދި ހުށަހަޅާއިރު ސެކިއުރިޓީ އިތުރުވެ، އިތުރު ޗެނަލްތައް ހުޅުވިގެންދާނެ ކަމަށާއި، އެއަށްވުރެ ފަސޭހަ ގޮތްތައް ފޯރުކޮށްދޭނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށްދީ، ޑިޖިޓަލް ރާއްޖެ އަކަށް އެފަރާތްތައް ވާސިލްކޮށްދިނުމަށެވެ.


