ތިން ރަށެއްގައި އަލަށް ބިނާކުރާ މިސްކިތްތަކުގެ ޑިޒައިން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ދައްކަވާލައްވައިފިއެވެ.
އަލަށް އަޅާ މިސްކިތްތަކުގެ ފޮޓޯތައް ޑރ. ޝަހީމް ދައްކަވާލެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޑިޒައިންތައް ދައްކަވާލެއްވިއިރު، ވަޒީރު ވަނީ، ޖޫން މަހުގައި މި ޑިޒައިންތަކަށް މިސްކިތްތައް ބިނާކުރަން ފަށާނެ ކަމަށް ވިދާޅުވެފައެވެ.
މި މިސްކިތްތައް ބިނާކުރަން ނިންމާފައިވަނީ ރ. އަލިފުއްޓާއި، އައްޑޫ ސިޓީގެ އިތުރުން ހުޅުމާލެ ފޭސް 2 ގައެވެ.
ވަޒީރު ވިދާޅުވީ ރިޔަން އިން ފަރުމާކުރި މި މިސްކިތްތައް ފަރުމާކޮށްފައިވަނީ މަޝްރޫޢުގެ ބައެއްގެ ގޮތުގައި ސޯލާ ހަރުކުރެވޭ ގޮތަަށް ކަމަށްވާއިރު، މިސްކިތަކުގައި އޭސީ ވެސް ހަރުކުރެވިގެންދާނެ ކަމަށެވެ.
އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މި މިސްކިތްތައް ބިނާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މިސްކިތް ބިނާކުރާ ފަރާތަކާއި ދެމެދު އެެއްބަސްވުމުގައި މީގެ އެއް މަސް ކުރިން ވަނީ ސޮއިކޮށްފައެވެ.


