Tuesday, 27 October 2026

މަޝްއަރު ޓުއާސްގައި ދިޔަ އުމްރާވެރިން ރާއްޖެ ގެނެސްފި

މަޝްއަރު ޓުއާސްގެ ހަވާލުގައި މިދިޔަ ރޯދަ މަހު އުމްރާއަށް ގެންދިޔަ މީހުން ރާއްޖެ ގެނެސްފި އެވެ.

މައުލޫމާތު ލިބޭގޮތުގައި މަޝްއަރު ޓުއާސްއިން އުމްރާއަށް ދިޔަ 35 އުމްރާވެރިން ރާއްޖެ ގެނެސްފައިވަނީ އެ އެޖެންސީގެ ހަރަދުގައެެވެ.

މަޝްއަރު ޓުއާސްގެ ހަވާލުގައި ދިޔަ އުމްރާވެރިންނަށް ރާއްޖެ ނާދެވި ލަސްވި ސަބަބަކީ އުމްރާ އަށް ދިޔަ 53 މީހުންގެ ތެރެއިން، އޭސް ޓްރެވެލްސް އިން ނެގި 50 ޓިކެޓަށް ވާ ފައިސާއަށް ދިން ޗެކް ބައުންސްވުމެވެ. ޗެކް ބައުންސްވެފައިވަނީ އޭސް ޓްރެވަލްސް ކަނޑައެޅި މުއްދަތުގައި އެ އެޖެންސީން ފައިސާ ނުދެއްކުމުންނެވެ.

އެ އެޖެންސީއިން ފުރަތަމަ އެންގީ އެ މީހުން އަމިއްލަ ޓިކެޓް ނަގައިގެން މާލެ ދިއުމަށް ކަމަށާއި، ނަމަވެސް ފަހުން އެ ގުރޫޕުން ޓިކެޓް ހަމަޖައްސައިދީ މިދިޔަ ހޮނިހިރު ދުވަހު އެންމެން މާލެ ގެނެސްދީފައިވާކަމަށް މަޝްއަރު ޓުއާސްގެ ހަވާލުގައި ދިޔަ ބައެއް އުމްރާވެރިންނާއި ހަވާލީދީ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.

އެ އެޖެންސީން މި ރޯދަމަހުގެ އުމްރާ ޕެކޭޖަށް ކަނޑައެޅި އަގަކީ 38،500ރ. އެވެ. އެއީ 21 ދުވަހުގެ އުމްރާގެ އަގެވެ. އޭގެ ތެރޭގައި ހިމެނެނީ މައްކާ އާއި މަދީނާގައި ތިބުމުގެ ހަރަދާއި ދެކޮޅު ޓިކެޓާއި ވިސާ އާއި ދަތުރުފަތުރު އަދި ތިން އިރުގެ ކެއުމުގެ ހަރަދެވެ.

މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި މިދިޔަ އަަހަރު އުމްރާއަށް ގެންދިޔަ މީހުން ރާއްޖެ ގެނައުމަށް އެއާލައިން އެޖެންޓަށް ދޫކުރި ޗެކް ބައުންސްވެ މައްސަލަތަކެއް ދިމާވުމުން އިސްލާމިކް މިނިސްޓްރީން ވަނީ އެ ޖަމާއަތަށް ދިން ހުއްދަ އޭރު ބާތިލްކޮށްފަ އެވެ. ނަމަވެސް މި އަހަރު އެ ގްރޫޕުން އުމްރާ އަށް ގެންދިޔައީ ޓްރެވަލް އެޖެންސީއެއް ހަދައި "މަޝްއަރު ޓުއާސް"ގެ ނަމުގަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *