ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިހާބުވި މެންބަރުން މެންބަރުކަމުގެ ހުވާ ކުރުން މޭ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި އާ މެމްބަރުން ހުވާކުރުމުގެ ޖަލްސާ އޮންނަ ތާރީހު އިއުލާނުކުރަމުން މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ހުވާކުރުމުގެ ޖަލްސާއަށް ރައްޔިތުންގެ މަޖިލިސް އިދާރާއިން ތައްޔާރުވަމުން އަންނަ ކަމަށެވެ.
މީގެއިތުރުން އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިދައުރު މޭ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އަދި މި ދައުރުގެ ފަހު ޖަލްސާ އޮންނާނީ މޭ 13 ވަނަ ދުވަހު ކަމަށާއި އެހާތަނަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިބޭނެއެވެ.
މިދިޔަ އާދީއްތަ ދުވަހު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ޕާޓީ، ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ.


