ވޯޓުލުމުގެ ގައުމީ ވާޖިބު މިނިވަންކަމާއެކު އަދާކުރުމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިޔައްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅިގެން އީސީގެ ރައީސް ފުއާދު ވިދާޅުވީ ލަހުން ވޯޓުލާން ދާން ނުތިބެ ވީހާވެސް އަވަހަށް ގޮސް ވޯޓުލުމުގެ ހައްގު އަދާކުރުމަށެވެ.
ބައެއް ވޯޓު ފޮށިތައް ކުރިން ބަހައްޓާފައި ހުރިތަން ނޫން ތަންތަނުގައި ބަހައްޓާފައި ހުރިކަން ފާހަގަ ކުރައްވަމުން ފުއާދުވަނީ ވޯޓުލާން ދިއުމުގެ ކުރިން ކޮންމެ ބޭފުޅަކުވެސް ވޯޓްލާން ދާންޖެހޭ މަރުކަޒު ޗެކްކޮށް ޔަގީން ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
ފުއާދު ރައްޔިތުންނަށް ދިން މެސެޖްގައި ވިދާޅުވީ ވޯޓުލުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއްކަމަށާއި އެޒިންމާ އަދާކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ. ފުއާދު އިތުރަށް ވިދާޅުވީ ވޯޓުދިނުމުގައި އެމީހެއްގެ އަޑު މަޖިލީހުގައި އުފުލާނެ، އިތުބާރު އެމީހަކަށް ކުރެވޭ މީހަކަށް ވޯޓް ދިނީމަ ހުންނާނީ ރަނގަޅަށް ކަމަށެެވެ.
ފުއާދުވަނީ ވޯޓާއި ގުޅިގެން މީހުންދޭ ހަދިޔާތަކުގައި ނުހިފުމަށާއި އަދި ވޯޓުލުމަށްފަހު ވޯޓުލާ މަރުކަޒުތައް ކައިރީގައި ނުތިބުމަށް އެދިފައެވެ.
މިއަދު ވޯޓުލުން ފެށުނީ ހެދުނު 8:00ގަ އެވެ. އަދި ވޯޓު ކިއު ބަންދުކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 5:30ގަ އެވެ.


