Tuesday, 28 July 2026

ހަވީރަށް މަޑުނުކޮށް ވޯޓުލާން އަވަހަށް ނުކުތުމަށް ރައީސް އެދިވަޑައިގެންފި

ހަވީރަށް މަޑުނުކޮށް އަވަހަށް ވޯޓުލާން ނުކުތުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަނެފި އެވެ.

މިއަދު ކުރިޔަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް ވަނީ ވޯޓުއެޅުމުގެ ޒިންމާ އަދާކުރައްވައިފައެވެ. ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށް ފަހުގައި އެމަނިކުފާނު ވަނީ ހުރިހާ ރައްޔިތުން ވެސް ނުކުމެ ވޯޓުލުމަށް އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށް ވެސް ގާނޫނޫ އަސާސީން ލިބިފައިވާ ހައްގެއް އަދި ޒިންމާއެއް ކަމަށެވެ.

"ވޯޓު އެޅުމަކީ ޤާނޫނު އަސާސީއިން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ހައްޤެކޭ، އަދި ޒިންމާއެކޭ. އެހެންވީމަ ވީހާވެސް ގިނަ ބޭފުޅުން ނުކުމެ ވަޑައިގެން ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްޤު އަދާކޮށްދެއްވާށޭ." ރައީސް ވިދާޅުވިއެވެ.

އަދުގެ އިންތިހާބުގެ ވޯޓުލުން ފެށީ އިލެކްޝަންސް ކޮމިޝަންގެ ތާވަލާ އެއްގޮތަށް 8:00 ގަ އެވެ. މިއަދުގެ ވޯޓުލުން ރަސްމީކޮށް ބަންދުކުރާނީ ހަވީރު 5:30 ގަ އެވެ. ނަމަވެސް ވޯޓު ކިއޫ އޮތްނަމަ ވޯޓުލުން ކުރިއަށް ގެންދާނެ އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *