20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓްލުން މިއަދު 8:00 ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި އަދި ވޯޓްފޮށި ބަހައްޓާފައިވާ ރިސޯޓްތަކުގައި ވެސް ވަނީ ފަށާފައެވެ.
93 ދާއިރާއަށް 368 ކެޑިޑޭޓުން ވާދަކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓްލުން ރާއްޖޭގެ ހުރިހާ މަރުކަޒު ތަކެއްގައިވެސް ވަނީ ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަނީ ފަށާފައެވެ. އަދި ވޯޓުލާ ކިއުތައް 5:30 ގައި ބަންދުކުރުމަށް ހަމަޖެހިފައިވާ ވާހަކަ އީސީއިން ވަނީ ބުނެފައެވެ.
ޖުމްލަ 602 ވޯޓް ޕޮށި ބަހައްޓައިގެން ކުރިއަށްދާ މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބެނީ 284،663 މީހުންނަށެވެ.
ރާއްޖޭގެ އިތުރުން ވޯޓްފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ތިން ގައުމެއްގަ، އެއީ ސްރީލަންކާގެ ކޮލަމްބޯ އިންޑިޔާގެ ޓްރެވިންޑްރަމްގެ އިތުރުން މެލޭޝިޔާގެ ކުލަލަންޕޫރުގަ އެވެ. އިންޑިޔާ ސްރިލަންކާގައި ވޯޓލުން ކުރިޔަށްދާނީ 8:30 އިން 5:30 އަށް އަދި މެލޭޝިޔާ ގައި 11:00 އިން 20:30 އަށެވެ.
އެހެން އިންތިހާބު ތަކެކޭ އެއްފަދައިން މި އިންތިހާބުގައި ވެސް މާބަނޑު މީހުންނާއި، އުމުރުން ދުވަސްވީ މީހުނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން ކުރިން ރާއްޖޭގެ ވެރިކަން ކޮށްފައިވާ މީހުނާ އެމީހުންގެ އަނބިންނަށް ކިއުގައި ނުޖެހި ވޯޓްލުމުގެ އިންތިޒާމް އީސީ އިން ވަނީ ހަމަޖައްސާފަ އެވެ.
ވޯޓްލާން މިހާރު ފަށާފައިވާއިރު، މީހުން ވަނީ ވޯޓުލާ މަރުކަޒުތައް ކައިރީ ހެނދުނު ވޯޓްލާ ގަޑި ޖެހުމުގެ ކުރިން ކިއު ދަމާލާފަ އެވެ. މި އިންތިހާބުގައި ވީހާވެސް އަވަހަކަށް ނުކުމެ ވޯޓްލާން އިލެކްޝަން ކޮމިޝަނުންނާއި އަދި ސިޔާސީ ޕާޓީތަކުން ވެސް ވަނީ އެދިފަ އެވެ


