އެއާ އެމްބިއުލާންސްގެ ގޮތުގައި މިހާރު ބޭނުންކުރާ ސީޕްލޭންއާއި މަތިންދާ ބޯޓުގެ އިތުރުން ހެލިކޮޕްޓަރުވެސް މި އަހަރުތެރޭގައި އޮޕަރޭޝަންއަށް ނެރޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަމުން ރައީސް ވިދާޅުވީ އެއާ އެމްބިއުލާންސް ފްލީޓް އިތުރަށް ފުޅާކުރުމަށް ހެލިކޮޕްޓަރު އިތުރުކުރުމަށް، މެޑިކަލް އިވަކުއޭޝަނަށް ހާއްސަ ހެލިކޮޕްޓަރު ރާއްޖެ ގެނެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި އިތުރު މަތިންދާ ބޯޓު ވެސް އެކަމަށް ހާއްސަ ކުރުމަށް ޕްލޭންތަކެއް އެކުލަވާލެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ މީ ދިވެހިން އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަމަށެވެ. ކުރީގައި އަބަދުވެސް ދިވެހިން ޖެހެނީ ބަލި ހާލަތެއް މެދުވެރިވިޔަސް ކޮންމެސް ކައިރީ ގައުމެއްގެ އެހީއަށް އެދެންކަމަށާއި، ނަމަވެސް މިހާރު ބަލި މީހުން އެއްތަނުން އަނެއްތަނަށް ގެންދަން ދިވެހި އެއާ އެމްބިއުލާންސް ހުންނަކަމަށް ރައީސް ވިދާޅުވިއެވެ.


