Tuesday, 28 July 2026

އިންތިހާބާ ގުޅިގެން ފުލުހުންގެ އޮޕަރޭޝަން ސްޓޭޓަސް ލެވަލް 3 އަށް މަތިކޮށްފި

އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅިގެން ފުލުހުން ކުރިޔަށްގެންދާ އޮޕަރޭޝަން ’އޮޕަރޭޝަން ބުލޫ ޓައިޑް‘ މިއަދު ފަށައިފިއެވެ.

މިއަދު މިއޮޕަރޭޝަން ފެށުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މި އޮޕަރޭޝަން ފައްޓަވައި ބްރީފިން ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު އެވެ.

މިމަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފުލުހުންނާއި މަތިކުރެވިފައިވާ މަސްއޫލިއްޔަތު އަދި އިންތިޚާބުގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައްވެފައިވާކަމަށް ވިދާޅުވިއެވެ. އަދި މިމަސައްކަތް ހަވާލުކުރެވިފައިވާ ޓީމުން، ވަރަށް ފުރިހަމައަށް މިމަސައްކަތްކޮށް ދެއްވާފައިވާކަން ފާހަގަކުރައްވައި، އޮޕަރޭޝަން ކޮމާންޑަރަށާއި ޓީމަށް ސުޖާ ޝުކުރު އަދާކުރެއްވިއެވެ.

އިންތިހާބުގެ ސަލާމަތީކަންކަން ބަލެހެއްޓުމުގައި ކޮންމެ ފުލުހަކުވެސް އެފުލުހަކަށް ހަވާލުކޮށްފައިވާ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށާއި ވޯޓްލާން ދާ ފަރާތްތަކާއި ހިނިތުންވުމާއެކު ރީތިބަހުން މުއާމަލާތް ކުރެއްވުމަށް ސީޕީ ވަނީ ހުރިހާ ފުލުހުންގެ ކިބައިން އެދިލައްވާފަ އެވެ.

އަދި މިފަދަ ފުރުސަތުތަކަކީ އާންމުންގެ ކުރިމަތީގައި ފުލުހުންގެ ތަސައްވަރު ރަނގަޅުކޮށް ފުލުހުންގެ ޕްރޮފެޝަނަލްކަން ރައްޔިތުންނަށް ދައްކާލުމަށް ލިބިގެންދާ ފުރުސަތެއް ކަމަށާއި ފުލުހުންގެ ތަސައްވަރާއި އެ މުއައްސިސާގެ ނަމަށް ކިލަނބުކަމެއް އަންނާނެ އެއްވެސް ކަމެއް އެއްވެސް ފުލުހަކު ނުކުރުމަށް ސީޕީ ވަނީ އިލްތިމާސް ކޮށްފައެވެ.

މި ބްރީފިންގގައި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އޮޕަރޭޝަން ކޮމާންޑަރ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ދެއްކެވި ވާހަކަފުޅުގައި އިންތިޚާބުގެ ތައްޔާރީތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ އެކްސަސައިޒްތަކުން ދަސްވި ކަންކަމާއި ފާހަގަކުރެވުނު ކަންކަން ރަނގަޅުކޮށް، މަސައްކަތްކުރުމަށާއި ގާނޫނާއި ގަވާއިދުތަކަށް މިހާރަށްވުރެ ބޮޑަށް އަހުލުވެރިވުމަށް މަސައްކަތްކުރުމަށް އެދިލެއްވިއެވެ.

މި ބްރީފިންގ އާއެކު ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަން “ ބްލޫ ޓައިޑް” ގެ އޮޕަރޭޝަން ފޭސްގެ މަސައްކަތްތައް މުޅި ރާއްޖޭގައި ފަށައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް އެންމެ މަތީ ދަރަޖަކަމަށްވާ ލެވަލް 3 އަށް ވަނީ މަތިކުރެވިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *