ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސްޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، ހައި ކޯޓުން ވަނީ އަލުން މައްސަލަ ބަލަން ކްރިމިނަލް ކޯޓަށް ފޮނުވަން މިއަދު ހުކުމްކޮށްފަ އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރަށް، ޖުމްލަ 11 އަހަރުގެ އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ރިޝްވަތު ދިނުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށުގައި ތިން އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި އެވެ.
އެ މައްސަލަ އެ ދެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފް ކުރުމުން އޭގެ ތެރެއިން ޔޫސުފް ނައީމްގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ވަނީ އަންގައިފަ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައިގައި މިއަދު ކުރި ހުކުމުގައި ވަނީ، ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރުމުގައި ހަދާފައި ހުރި ގޯސްތައް ފާހަގަކޮށްފައެވެ. އެގޮތުން އެމަނިކުފާނަށް ޝަރީއަތް ކުރުމުގައި ލިބެންޖެހޭ ގިނަ ހައްގުތަކެއް ގެއްލޭ ގޮތަށް ޝަރީއަތް ހިންގާފައިވާކަން ހުކުމުން ވަނީ ހާމަވެފައެވެ.
އަދި ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމުގައި ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރި ކަމަށް ކަނޑައަޅާފައިވާ ބައި ބާތިލުކޮށް، އެ ގަޒިއްޔާގައި ޔާމީންގެ މައްޗަށް ހުށަހެޅުނު ދައުވާ ބައެއް ކަންކަމުގެ އަލީގައި އަލުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން އަންގާ ކަމަށެވެ.


