ހިޔާ ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފިއެވެ.
އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވާފައި ވަނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.
ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕްއާއިއެވެ. އަދި މި މަޝްރުއުއަށް ސަރުކާރުން ވަނީ 200 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅުއްވާފައެވެ.
އެ މަޝްރޫއު ދަށުން ކޮންމެ ޓަވަރެއްގައި ހަރުކުރަން ހަމަޖެހިފައި ވަނީ ޖާގަ ތަނަވަސް ދެ ލިފްޓެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގައި ވާ ގޮތަށް އޭގެތެރެއިން އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭވަރުގެ ބޮޑު ލިފްޓަކަށް ވާއިރު ދެވަނަ ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ޖާގައިގެ ލިފްޓެކެވެ.
އެޗްޑީސީއިން ހާމަކޮށްފައި ވާގޮތުގައި މި ލިފްޓުތައް އަޅުވަން އެއް އަހަރުގެ މުއްދަތެއް ހޭދަވެގެން ދާނެއެވެ. މި މުއްދަތުގެ ތެރޭގައި 32 ލިފްޓު އެޅުވުމަކީ އެ ކޯޕަރޭޝަންގެ އަމާޒުކަމަށްވެސް އެޗްޑީސީއިން ވަނީ ހާމަކޮށްފައިއެވެ.


