ހުރިހާ ފާހަގައެއްވެސް ޖަހަންވީ ޕީއެންސީގެ ލޯގޯ އާދިމައިގައި ކަމަށާއި ސަރުކާރު ޒިއްމާދާރު ކުރުވުމުގެ ނަމުގައި މިހާ ބުރަމަސައްކަތުން ގެނައި ސަރުކާރު ވައްޓާލަން މަސައްކަތް ކުރާނެ މަޖިލީހެއް އުފެއްދުމަށް ނޫންކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ގޮވާލައްވައިފި އެވެ.
ނަރީޝް ވިދާޅުވީ ރައްޔިތުން ރައީސް މުއިއްޒު އައްޔަން ކުރީ ތަރައްގީ އާއި ތަހުޒީބު ގެނެސްދީ ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އަޅުވަން މުއިއްޒު ގެންގުޅުއްވާ މެނިފެސްޓޯ ކަމުދާތީ ކަމަށާއި ރައްޔިތުންގެ ފަރާތުން މަޖިލީހަށް އިންތިހާބު ކުރާ މެމްބަރުންނަކީ އެމެނިފެސްޓޯ ތަންފީޒު ކުރަން ރައީސްއަށް ވާގިވެރިވާނެ މެމްބަރުންތަކެއް ކަމަށް ރައްޔިތުން ބޭނުންވާކަމަށެވެ. އަދި 19 ވަނަ މަޖިލިސް ފަދަ ބައިބަލާ ކޯޓަކަށް މަޖިލިސްވާން ރައްޔިތުން ނޭދޭ ކަމަށެވެ.
ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނަރީޝް ވިދާޅުވީ 2023 ވަނަ އަހަރު ރައްޔިތުން ރައީސް ޑރ. މުއިއްޒު ހޮވީ ރާއްޖޭގެ މިސްރާބު ދިޔަގޮތް ގޯސްވެ މިސްރާބު ހަމަ މަގަށް އެޅުވުމައްޓަކައި ކަމަށެވެ.
”އަޅުގަނޑުމެން މިއުޅެނީ އޮޅިގެން މިސްރާބު ހަމަ މަގައް އެޅުވުމަކީ ނޫނީ ސަރުކާރު ޖަވާބުދާރީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުމަށްތޯ ވަޒީރުންނަށް ރުހުން ނުދީ އުޅުމަކީ މިސްރާބު ހަމަ މަގަށް އެޅުވުންތޯ؟“ ވިދާޅުވެ ނަރީޝް ވަނީ ސުވާލު އުފައްދަވާފަ އެވެ.
ނަރީޝް ވިދާޅުވީ މަޖިލީހަށް އައްޔަން ކުރަންވީ ތަރައްގީގެ ޕްރޮޖެކްޓްތަކުގައި ރައީސަށް ވާގިވެރިވާނެ ގާބިލް މެމްބަރުން ތަކެއް ކަމަށެވެ. 2019 ވަނަ އަހަރުގައި އެޖެންޑާ 19 ގެނަމުގައި އެމްޑީޕީއިން ގޮވަމުންދިޔައީ ތަރައްގީ ކުރެވޭނީ ސަރުކާރަށް ވޯޓުދީގެން ކަމަށެވެ. އަދި ދިވެހި ރައްޔިތުން ތަރައްގީ ބޭނުންވާތީ ކުރީ ސަރުކާރަށް ސުޕަރ މެޖޮރިޓީ ދިނީ ތަރައްގީ އަށް ލޯބިކުރާތީ ކަމަށެވެ. ނަމަވެސް ވެރިއަކަށް ހުރީ ތަރައްޤީކުރަން ނޭނގުމަކީ ރައްޔިތުން ކުރާނެ ކަމެއް ނޫންކަމަށެވެ.
އެމްޑީޕީ އިދިކޮޅުގަ އޮވެ އެއްވެސް އިރެއްގައި ބަޖެޓް ފާސްކުރަން ވޯޓްނުދޭ ކަމަށާ ބަޖެޓް ފާސް ކުރަން ވޯޓް ނުދޭ މެމްބަރުން ހޮވުމުގެ ބޭނުމަކީ ކޮބައިތޯ ވިދާޅުވެ ނަރީޝް ސުވާލު އުފެއްދެވި އެވެ.


