ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލާ ވަގުތު 17:30 އާ ހަމައަށް އިތުރުކޮށްފިއެވެ.
އަންނަ އާދިއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަން މީގެ ކުރިން ނިންމާފައި އޮތީ ހެނދުނު 8 އިން 4 އަށެވެ. މި ވަގުތު 8 އިން 5:30 އަށް އިތުރުކުރަން ނިންމީ މިއަދު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމުގަ އެވެ.
ރާއްޖެ24އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓުލާ ވަގުތު އިތުރު ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހެނދުނު 08:00 އިން ހަވީރު 05:30 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ވޯޓު ގުނަން ފަށާނީ އޭގެ ތިރީސް މިނެޓް ފަހުން 06:00 ގައި ކަމަށްވެސް މައުލޫމާތު ދެއްވިއެވެ.
މި އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް މުޅި އެކު 608 ވޯޓު ފޮށި ބަހައްޓާނެ އެވެ. ރާއްޖެއިން ބޭރުން ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވަނީ މުޅިއެކު ހަ ގައުމެއްގަ އެވެ. މިއިން ކޮންމެ ގައުމެއްގައި ވެސް ބަހައްޓާނީ އެއް ފޮއްޓެވެ.


