އަރިއަތޮޅު ދެކުނުބުރީ މާފަރުފަޅު މަހިބަދޫގެ ބައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ކަޑައަޅުއްވައިފި އެވެ.
މަހިބަދޫ ކައިރީގައި އޮއްނަ މާފަރުފަޅަކީ އެރަށުގެ ބައެއްކަމަށް މިއަދު ކަނޑަައަޅުއްވާ ނެރުއްވި ޤަރާރުގައި ވަނީ ދިވެހިރާއްޖޭގެ ރަށްތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން 14 އޮކްޓޫބަރު 2010ގައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަށް އިސްލާހު ގެނެސް ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އދ މަހިބަދޫ ކައިރީގައި އޮންނަ މާފަރުފަޅަކީ އެރަށުގެ ބައެއްކަމުގައި ނިންމާފައިވާ ކަމަށެވެ.
މަހިބަދޫގެ ބައެއްގެ ގޮތުގައި މާފަރުފަޅު ހަމަޖެއްސުމަކީ ރިޔާސީ ކެމްޕެއިންގައި ރައީސް މުއިއްޒު މަހިބަދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ދޭން ވައުދުވެވަޑައިގެންފައިވާ ފަޅެކެވެ.
ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވީ މާފަރުފަޅު ހިއްކާ އެތަނުގައި މަހިބަދޫގެ ރައްޔިތުން އާބާދު ކުރުމަށެވެ.


