ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަކީ ބައިނަލްއަޤުވާމީ ފެންވަރަށް ދޮގުހައްދަވާ ބޭފުޅެއްކަމަށް ސަރުކާރު ކޯލިޝަންގެ އިސް ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅު ވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ އެމަނިކުފާނު ޕޯޑިއަމްތަކުގައި ކުރީ ސަރުކާރުން ފަށާފައި ހުރި ޕްރޮޖެކްޓްތައް ހުއްޓުވާލި މި ސަރުކާރުންކަމަށާއި އަދި ޕްރޮޖެކްޓްތައް ނުހިންގާ ކަމަށް ވިދާޅުވެ ދައްކާފައިވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ހީނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އޮތީ ޕްރޮޖެކްޓްތައް ހުއްޓިފައިކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ފެނިގެން ދިޔައީ އެއްބަޔަކަށް ނުވެގެން އަނެއް ބައެއްގެ އަތަށް ޕްރޮޖެކްޓްތައް ދެމުން ދިޔަތަން ކަމަށް ހީނާ ވިދާޅުވި އެވެ.
މީގެއިތުރުން މިދިޔަ ސަރުކާރުން ވެރިކަމަށް އައިސް ފުރަތަމަވެސް މިނިވަން ކުރީ ޖިންސީގޯނާގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނެވި ބޭފުޅެއްކަމަށާއި، ދެން އޭގެ ދުވަސްކޮޅެއްފަހުން ފެނިގެން ދިޔައީ ރޯޔަލް ރޭޕް ކޭސްއެއް ހިންދާލިތަން ކަމަށް ވިދާޅުވެ ހީނާވަނީ މިފަދަ ބައެއް މިސްރާބު ހަމަމަގަށް އަޅުވާނީ ކިހިނެއްތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.
"ވެރިކަން ފެށުނުއިރު ޤައުމުގެ މިސްރާބު އޮތީ މިހެން ވެރިކަން ނިމުނު އިރު ގައުމު އޮތީ އަދަވަޅަކަށް ވައްޓާލާފަ، ރައީސް މުއިއްޒައް މިޖެހުނީ ގައުމު އެ އަދަވަޅުން ސަލާމަތް ކުރަން“ ހީނާ ވިދާޅުވި އެވެ.
ހީނާ އިތުރަށް ވިދާޅުވީ މި ސަރުކާރުން ޤައުމާއި ހަވާލުވީއިރު އޮތީ ޕްރޮޖެކްޓްތައް ހުއްޓި އިޖްތިމާއީ އަދި އިގްތިޞާދީ އަދަވަޅަކަށް ގައުމު ވައްޓާލާފައި ކަމަށެވެ.


