Tuesday, 28 July 2026

"ޖަޒީރާ" ޓެލެގްރާމް ގްރޫޕާ ގުޅުން ހުރި ޓެކްސީ ޑްރައިވަރު ހައްޔަރުކޮށްފި

ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރުމަށާއި އެހެނިހެން ކުށް ކުރުމަށް ގެންގުޅުނު "ޖަޒީރާ" ޓެލެގްރާމް ގުރޫޕާއި ގުޅުން ހުރި ޓެކްސީ ޑްރައިވަރު ހައްޔަރުކޮށް ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ މަހު ފެންމަތިވި ހަށި ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި އަދި ބޮޑެތި އެކި ކުށްތައް ހިންގުމުގެ މެދުވެރިއަކަށް ވި ގްރޫޕްތަކާ ގުޅިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދަށް ފުރަތަމަ ޖެހި 15 ދުވަސް ހަމަވުމުން ދެވަނަ ފަހަރަށް ވެސް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އެ މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރީ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނެކެވެ. އެއީ ދެމަފިރިންނެވެ. އޭގެ ތެރެއިން އެކަކަކީ، ގިނަ އަދަދެއްގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.

ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް "ޖަޒީރާ އެޑްމިން"، "ޖަޒީރާ ގާލްސް"، "ޖަޒީރާ އެސްކޯޓް ގެލެރީ"، "ޖަޒީރާ ސްކޭމް އެލާޓް" އަދި "ޖަޒީރާ ލިންކް" ހަބަރުގެ ނަމުގައި 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހިންގަމުން ގެންދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި އެކަމަށް ހާއްސަ ޓެކްސީއެއް ގެންގުޅުނު ކަމަށް ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.

މި ޗެނަލްތަކަށް ފުލުހުންގެ ބާރު ލިބުނުއިރު 7،000 އަށް ވުރެ ގިނަ މީހުން ވަނީ ސަބްސްކްރައިބް ކޮށްފަ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *