Tuesday, 28 July 2026

ކަރަންޓު ދޭންވީ ޕާޓީގެ ގެތަކަށް އެކަނި ކަމަށް ބުނެ ފެނަކާގެ މެނޭޖަރަކު ދެއްކި ވާހަކަ ޕީއެންސީއިން ކުއްވެރިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި، ކަރަންޓު ދޫކުރަންވީ ސަރުކާރު ހިންގާ ޕާޓީގެ ގެތަކަށް އެކަނި ކަމަށް ފެނަކައިގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ވިދާޅުވި މައްސަލަ ޕީއެންސީ އިން މިއަދު ކުށްވެރިކޮށްފި އެވެ.

ޕީއެންސީން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ރޭ ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އަބްދުﷲ ރަޝީދު "ކަރަންޓު ހަމައެކަނި ދޫކުރަންވީ ޕާޓީގެ ގެތަކަށް" ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތައް ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށެވެ.

އަދި އަބްދުﷲ ރަޝީދު ދެއްކެވި ވާހަކަފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަދި ޕީއެންސީގެ ސިޔާސަތެއް ވެސް ނޫންކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

"ރައީސް މުއިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތެއް ކަމުގައި ދަންނަވަން،" އެ ޕޯސްޓުގައި ވެ އެވެ.

ޕީއެންސީން އެކްސްގައި ކުރި ޕޯސްޓު ރައީސް މުއިއްޒު ވަނީ މިއަދު ރިޓްވީޓުވެސް ކުރައްވައިފައެވެ.

ދިއްދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުލް ލަތީފް މުހައްމަދުގެ ކެމްޕޭން ޖަލްސާގައި އަބްދުﷲ ރަޝީދު ވިދާޅުވީ ކަރަންޓު ދޭކަން ވެސް އެއީ ނަސީބެއް ކަމަށާއި ކަރަންޓު ދޫކުރަންވީ ގެތަށް ބަލައި ވަކިވަކިން ކަމަށެވެ. މަޖިލިސް އިންތިހާބުގެ ނިމެންދެން ކަރަންޓު ދޫކުރަންވީ ޕީއެންސީގެ މީހުންނަށް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *