Tuesday, 27 October 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން އެމްޑީޕީން ނަގާ ސްޓޭންޑް އާދީއްތަ ދުވަހު ނިންމަނީ

ކ. ފުށިދިއްގަރުފަޅުން 1،100 ހެކްޓަރު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސްއަށް ހަވާލުކޮށްގެން ހިންގާ މަޝްރޫއާ ގުޅޭ ގޮތުން އެމްޑީޕީން ނަގާ ސްޓޭންޑް ނިންމުމަށް އަންނަ އާދީއްތަ ދުވަހު އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

އީގަލް ހިލްސްގެ މަޝްރޫއާ ދެކޮޅަށް އަޑުގަދަވަމުން ދަނީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލް-އައްބާރު އިޒްރޭލާ ގުޅޭ ގޮތުން ކުރިން ދައްކަވާފައިވާ ވާހަކަތަކާ ގުޅުވައިގެނެވެ. ރަސްމާލޭގައި ރެސިޑެންސީ ޓޫރިޒަމަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ހަވާލުކުރުމުގެ ސަބަބުން އެ ތަނުގައި ޒަޔަނިސްޓުން ވަޒަންވެރިވާނެ ކަމަށް ބުނެ، 'ދިވެހިންގެ ބިން ދިވެހިން’ގެ ނަމުގައި ހަރަކާތެއް ވެސް ވަނީ ފަށައިފަ އެވެ. އަދާލަތު ޕާޓީގެ ކުރީގެ ރައީސް އިމްރާން އަބްދުﷲ އިސްވެ ހުންނަވައި ހިންގަވާ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގަންނަވާތީ އެ ކަމުގައި ޕާޓީގެ ސްޓޭންޑެއް ނެތި ބައިވެރިވާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޒާރު ދެއްވާފައި ވެސް ވެއެވެ.

އެހެންވެ ޕާޓީން އެ މަޝްރޫއާ ދެކޮޅުވުމަށް ސްޓޭންޑެއް ނެގުމަށް ގައުމީ މަޖިލީހުގެ 66 މެންބަރަކު އެދިގެން ބާއްވާ ގައުމީ މަޖިލީހުގެ ބައްދަވުން ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ރޭގަނޑު 8:30ގައެވެ.

މަޝްރޫއު ހިންގަމުންދާ ގޮތާ މެދު ޕާޓީގެ އެންމެން ގޮތަކަށް ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް ސީދާ އީގަލް ހިލްސްއާ ދެކޮޅު ނުވުމަށް ނަޝީދު ވަނީ ގައުމީ މަޖިލިހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. ނަމަވެސް ނަޝީދާއި ފައްޔާޒު އިސްމާއީލް ފެކްޝަންގެ މީހުން ވެސް ހިމެނޭ ގޮތަށް ގިނަ މެންބަރުން ވަނީ މުޅި އެ މަޝްރޫއު ހުއްޓުވަން ގޮވާލާ އެމްޑީޕީން ނުކުންނަން ޖެހޭ ކަމަށް ތާއީދުކޮށް ވާހަކަ ދައްކައިފައެވެ.

މި މަޝްރޫއާ އިޒްރޭލާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް ސަރުކާރުން ވެސް ރައްދުތަކެއް ދީފައިވެއެވެ. އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް ނުވަތަ އިޒްރޭލުގެ ބާރު ހިނގާ އެއްވެސް ކުންފުންޏަކަށް ނޫނީ ފަރާތަކަށް ރަސްމާލޭން ޕްރޮޕަޓީ ގަންނަ ފަރާތެއްގެ ގޮތުގައި ނުވަތަ ހަގީގީ މަންފާ ލިބޭ (ބެނެފިޝަލް އޯނާ) ފަރާތެއްގެ ގޮތުގައި ނޫނީ ހިއްސާދާރެއްގެ ގޮތުގައި ނުވަތަ ފައިނޭންސްކުރާ މީހެއްގެ ގޮތުގައި ނުވަތަ ވިއްކާ އޭޖެންޓެއްގެ ގޮތުގައި ވެސް ބައިވެރިވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވަނީ ވިދާޅުވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *