ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ އަލީ ޝަރީފް، އިންޑިއާގެ ޔޫނިއަން މިނިސްޓަރ ފޮރ އެންވަޔަރަންމަންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް ބުޕެންދަރ ޔާދަވްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ މޮންގޯލިއާގެ އުލާންބާތާގައި ކުރިއަށްދާ ޔޫއެންސީސީޑީ ކޮޕް-17 ސަމިޓުގެ ހަވާސާގައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނެވެ. އޭގެ ތެރޭގައި ގުދުރަތީ ހައްލުތައް ހޯދުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ސެޓެލައިޓް ޑޭޓާ ބޭނުންކުރުމާއި، މޫސުމާ ބެހޭ ޓެކްނޮލޮޖީ އަދި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުން ހިމެނެއެވެ.
މީގެއިތުރުން، ރިމޯޓް ސެންސިންގ އަދި އާތު އޮބްޒަވޭޝަންގެ ދާއިރާއިން ގުޅުން ފުޅާކުރުމަށާއި، އައްސޭރިފަށާއި ކަނޑުގެ އިކޯސިސްޓަމްތައް ބެލެހެއްޓުމާއި ތިމާވެށި މޮނިޓަރ ކުރުމުގެ ނިޒާމު ހަރުދަނާކުރުމާ ބެހޭގޮތުންވެސް ދެބޭފުޅުން ވަނީ ވާހަކަދައްކަވާފައެވެ. އަދި ތިމާވެށީގެ ދާއިރާއިން އިދާރީ ގުޅުން ބަދަހިކުރުމާއި ޓެކްނިކަލް ގާބިލުކަން އިތުރުކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ޑިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް، ރިސާޗް އެންޑް އެސެސްމަންޓް އަޙްމަދު ޝާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


