ސާކް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސްގެ 15 ވަނަ ކޮންގްރެސް އޮގަސްޓް މަހުގެ 15 އިން 16 އަށް އއ. އުކުޅަހުގައި ބޭއްވުމަށް ނިންމައިފިއެވެ. މިއީ ސަރަހައްދީ ފެންވަރުގައި ބާއްވާ މި ބޮޑު ހަރަކާތް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
މި ކޮންގްރެސްއަކީ ސާކް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސް އާއި ވޯލްޑް ފެޑެރޭޝަން އޮފް ސޮސައިޓީސް އޮފް އެނެސްތީސިއޮލޮޖިސްޓްސް (ޑަބްލިއު.އެފް.އެސް.އޭ) ގުޅިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ހަރަކާތެކެވެ.
ޕީ.އެސް.އެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑައިރެކްޓަރ ޖެނެރަލް ޑރ. އަހުމަދު އަޝްރަފް ވިދާޅުވީ، މި ކޮންގްރެސްގެ ސަބަބުން ރާއްޖެއާއި ސަރަހައްދީ ގައުމުތަކުގެ ސިއްހީ މާހިރުންނަށް ސައިންޓިފިކް މައުލޫމާތު ހިއްސާކުރުމާއި، އައު ދިރާސާތަކާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، މި ހަރަކާތުގެ ސަބަބުން ސަރަހައްދީ ސިއްހީ ދާއިރާގެ މާހިރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ބައިނަލްއަގުވާމީ ބޮޑެތި މެޑިކަލް އިވެންޓްތައް އިންތިޒާމުކުރުމުގެ ތަޖުރިބާ ރާއްޖެއަށް ލިބިގެންދާނެ ކަމަށް ޑރ. އަޝްރަފް ފާހަގަކުރެއްވިއެވެ.
ޑރ. އަޝްރަފް އިތުރަށް ވިދާޅުވީ، މި ކޮންގްރެސްގެ ސަބަބުން ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެ އިތުރަށް އިޝްތިހާރުވެ، ރާއްޖޭގެ ތައުލީމީ ދާއިރާއަށާއި އިގްތިސާދަށް ވެސް ފައިދާ ކުރާނެ ކަމަށެވެ. އަދި މިއީ ދިވެހި ޑޮކްޓަރުންނާއި، ނަރުހުން އަދި ސިއްހީ ދާއިރާގެ އެހެނިހެން މުވައްޒަފުންނަށް ބޭރުގެ މާހިރުންނާ ބައްދަލުވެ، އައު މައުލޫމާތާއި ތަޖުރިބާ ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.


