Tuesday, 28 July 2026
ބޭންކް އޮފް މޯލްޑިވްސް ---- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް ކާޑު ލިމިޓަށް މި މަސް ނިމުމުގެ ކުރިން ލުއި ދެނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމިޓުތަކަށް ދޭން ނިންމާފައިވާ ލުއިތައް، މި ހިނގާ ޖޫން މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ އިންތިޒާމްތައް ބޭންކުން މިހާރު ދަނީ ރާވަމުންނެވެ. މި ބަދަލުތައް ގެނައުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފުރިހަމަ އެހީތެރިކަން ލިބެމުންދާ ކަމަށާއި، މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް މި ލުއިތަކުގެ ފައިދާ ކުރާނެ ކަމަށް ބޭންކުން މައުލޫމާތުދެއެވެ.

ކާޑު ލިމިޓަށް ބަދަލު ގެންނަން ޖެހުނީ ބޭންކަށް ވަންނަ ބޭރު ފައިސާއަށްވުރެ، ކާޑުތަކުން ހޭދަކުރާ މިންވަރު އާދަޔާ ހިލާފަށް އިތުރުވުމާ ގުޅިގެންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ކާޑު މުއާމަލާތްތަކަށް އެކަނިވެސް 198 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 47 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

މިހާރު ބޭންކުން އަމަލުކުރާ އުސޫލުން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް މަހަކު 1,000 ޑޮލަރުގެ ޕީއޯއެސް ލިމިޓެއް ލިބޭއިރު، ޒަރޫރީ ބޭނުންތަކަށް މަހަކު 3,000 ޑޮލަރާ ހަމައަށް ހޭދަކުރެވެއެވެ.

ބޭންކުން ފާހަގަކުރި ގޮތުގައި ރާއްޖޭގެ އެހެން ބޭންކުތަކާ އަޅާބަލާއިރު، މިހާރުވެސް އެންމެ މަތީ ލިމިޓެއް ކަސްޓަމަރުންނަށް ފޯރުކޮށްދެނީ ބީއެމްއެލްއިންނެވެ. މި މަހު ގެންނަ ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު ލުއިތަކެއް ލިބިގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *