Tuesday, 28 July 2026
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު---ފޮޓޯ:ރައީސްއޮފީސް

ނޫސް ކޮންފަރެންސްތަކަކީ ޒާތީގޮތުން ދިމާކުރުމާއި ޤާނޫނުތައް މުގުރުމާއި ކޯޓުގެ ޙުރުމަތް ކެނޑުމަށް އޮތް ފުރުޞަތެއް ނޫން: ސައީދު

ނޫސްވެރިންގެ ބައްދަލުވުންތަކަކީ ޒާތީގޮތުން ދިމާކުރުމާއި، ދޮގު ވާހަކަ ފެތުރުމާއި، ޤާނޫނުތައް މުގުރުމުގެ އިތުރުން ކޯޓުތަކުގެ ޙުރުމަތް ކެނޑުމަށް އޮތް ފުރުޞަތެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިފަދައިން ވިދާޅުވީ، ކްރިމިނަލް ކޯޓުން ވަކި މައްސަލައެއްގައި ވާހަކަ ނުދެއްކުމަށް އަމުރުކޮށްފައި ވަނިކޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު" ނޫހުގެ ނޫސްވެރިޔަކު އެ މައްސަލައާ ގުޅޭގޮތުން ސުވާލުކޮށް، މަސްލަހަތު ނަގާލަން މަސައްކަތް ކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ހާދިސާގައި، ކޯޓު އަމުރާ ހިލާފުވުމުން މާލަމުން ނުކުތުމަށް ރައީސް އެދިވަޑައިގަތުމުންވެސް ނުނިކުމެ އިތުރު ސުވާލުތައް ކުރަން ފެށުމުން، އެ ނޫސްވެރިޔާ މާލަމުން ނެރުނީ ސަލާމަތީ ބޭފުޅުންނެވެ.

ސައީދު ވިދާޅުވީ، ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މި ސަރުކާރުން އަބަދުވެސް ޖާގަދޭ ކަމަށާއި އެއީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެއް އަސާސް ކަމަށެވެ. ނަމަވެސް، ލިބިފައިވާ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައި، ސިޔާސީ ޕާޓީއަކުން އިދިކޮޅު ހަރަކާތް ހިންގާ އުޞޫލުން ރައީސް އޮފީސް ތެރޭގައި ހަޅުތާލުކުރާ މޭރުމުން މަދު ބައެއް ނޫސްތަކުން އަމަލުކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް މަޢުލޫމާތު ނުދޭ މިންވަރަށް ރައީސް ޑރ. މުޢިއްޒު ފުރުޞަތު ދެއްވަމުން ގެންދަވާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، އެއްވެސް އިތުރު މޮޑަރޭޝަނެއް ނެތި ކޮންމެ ހަފްތާއަކު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ ޒިންމާދާރު ނޫސްވެރިކަމެއްގެ ތެރެއިން ސަރުކާރުގެ ޚިދުމަތްތައް ހާމަކުރުމަށް ކަމަށެވެ.

މިނިސްޓަރު ވަނީ ނޫސްވެރިންނަށް ލިބިފައިވާ މި އަގުހުރި ފުރުޞަތުގެ ބޭނުން ހިފަންވާނީ ރައްޔިތުންނަށް ފައިދާހުރި ގޮތަށް އަދި ޝަރުޢީ ޤާނޫނީ އަމުރުތަކާއި އުޞޫލުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކު ކަމަށް ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *