ސިވިލް ސާވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން މުސާރަ ބޮޑުނުވެ ނުވަތަ ކުޑަވެފައިވާ މުވައްޒަފުންގެ މައްސަލަތައް މި މަހުގެ ތެރޭގައި ހައްލުކޮށް، މުސާރަ ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ގެއްލުންތަކެއް ނުވަތަ އެންމެ އެދެވޭ ގޮތަށް އެކަން ނުކުރެވި ތިބި މުވައްޒަފުން ތިބި ކަމަށެވެ. ނަމަވެސް މިހާރު އެ ހުރިހާ މައްސަލައެއް ހައްލުކޮށް ނިމެމުން އަންނަ ކަމަށާއި، މި މަހު މުސާރަ ލިބޭއިރު އެ ފަރާތްތަކުގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދު ހެނދުނު އެންމެ ފަހުން މީގެ މައުލޫމާތު ނަގައިގެން މިއައީ ޕޭ ކޮމިޝަންގެ ފަރާތުން. މިފަހަރު މުސާރަ ލިބޭއިރު، އިރާދަކުރެއްވިއްޔާ ޖުމްލަކޮށް، އިންޑިވިޖުއަލް ކޭސަސް ނުހުންނާނެއެކޭ ނޫން. އެކަމަކު ޖުމްލަކޮށް މިކަހަލަ މުސާރަ މައްޗަށް ނުގޮސް ތިބި ފަރާތްތަކުގެ މައްސަލަ ހައްލުވާނެ،" ރައީސް ވިދާޅުވިއެވެ.
މުސާރައިގެ މިފަދަ މައްސަލަތަކެއް ކުރިމަތިވީ ޒަމާންތަކެއް ވަންދެން އެކި ގޮތްގޮތަށް ހުރި ސްޓްރަކްޗާތައް ހާމަނައިޒް ކުރުމުގެ ތެރެއިން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ވަކިވަކި މުވައްޒަފުންނަށް މިފަދަ ދަތިތަކެއް ހުރި ނަމަވެސް، އެކަންކަން ހައްލު ކުރެވޭނެ ކަމުގެ ޔަގީންކަން ޕޭ ކޮމިޝަނުން ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި މަހުގެ މުސާރައަށް ފަހުވެސް އެފަދަ މައްސަލައެއް ދިމާވެފައިވާ މުވައްޒަފަކު ހުރިނަމަ، އެކަން ބައްލަވައި ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.


