Tuesday, 28 July 2026
އޭޝިއާ މީޑިއާ ސަމިޓްގެ ޕްރީ ސަމިޓް ވޯކްޝޮޕްތައް -- ފޮޓޯ: އޭއައިބީޑީ

އޭޝިއާ މީޑިއާ ސަމިޓްގެ ޕްރީ ސަމިޓް ވޯކްޝޮޕްތައް ރާއްޖޭގައި ފަށައިފި

އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް (އޭއައިބީޑީ) އިން ކޮންމެ އަހަރަކު ބާއްވާ އޭޝިއާ މީޑިއާ ސަމިޓްގެ މިއަހަރުގެ ބައްދަލުވުންތައް ރާއްޖޭގައި ފަށައިފިއެވެ. ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމްކުރާ މި ސަމިޓްގެ ޕްރީ ސަމިޓް ވޯކްޝޮޕްތައް މިހާރު ވަނީ ފެށިފައެވެ.

މިމަހުގެ 11 އިން 14 އަށް ވިލާ ނޯޓިކާ ރިސޯޓުގައި ކުރިއަށްދާ މި ސަމިޓްގެ މިއަހަރުގެ ޝިއާރަކީ "މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް" އެވެ. މި ސަމިޓްގެ ދަށުން 5 ވޯކްޝޮޕެއް އެކުއެކީގައި ކުރިއަށްދާއިރު، މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވެނީ މީޑިއާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާއި، ޑިޖިޓަލް މީޑިއާގެ އިތުބާރު ދެމެހެއްޓުމުގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގައި މީޑިއާގެ ދައުރާ ގުޅޭގޮތުންނެވެ.

މި ވޯކްޝޮޕްތައް ވިލާ ނޯޓިކާގެ އިތުރުން ހުޅުލޭ އައިލެންޑް ހޮޓަލާއި މެންހަޓަން ބިޒްނަސް ހޮޓަލުގައި ކުރިއަށްދާއިރު، ސަމިޓް ރަސްމީކޮށް އިފްތިތާޙުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މި ސަމިޓްގައި އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ބްރޯޑްކާސްޓިންގ ދާއިރާގެ އިސް 300 އެއްހާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާއިރު، މީގެ ތެރެއިން 80 އިންސައްތައަކީ ބޭރުގެ މަންދޫބުންނެވެ.

ސަމިޓްގެ ޕްލިނަރީ ސެޝަންތައް މިމަހުގެ 13 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. އަދި ސަމިޓް ނިންމާލުމުގެ ގޮތުން މިމަހުގެ 14 ވަނަ ދުވަހު ކުޑަގިރީގައި މުރަކަ އިންދުމުގެ ޚާއްސަ ޙަރަކާތެއް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *