Tuesday, 28 July 2026
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް

ގާނޫނާ ހިލާފަށް ހަރަކާތްތައް ހިންގާ ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އެޅުމުގެ ގަރާރު ކޮމިޓީއަށް

ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ހަރަކާތްތައް ހިންގާ ޕާޓީތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ، ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ. ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި މި ގަރާރު މަޖިލީހަށް ބަލައިގަތީ 41 މެންބަރުންގެ ވޯޓުންނެވެ.

މި ގަރާރުގައި ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީން ހިޔާލުފާޅުކުރުމާއި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން ދީފައި އޮތް ނަމަވެސް، އެކަން ކުރަންވާނީ އިސްލާމްދީނުގެ އަސްލުތަކާއި ގައުމީ މަސްލަހަތަށް އިސްކަންދީގެން ކަމަށެވެ. އަދި ބައެއް ޕާޓީތަކުން ގާނޫނާ ހިލާފަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން މުޖުތަމައުގެ އަމަންއަމާންކަން ގެއްލެމުންދާކަން މެންބަރު ފާހަގަކުރެއްވިއެވެ.

ގަރާރުގެ މައިގަނޑު މަގުސަދަކީ ގާނޫނާ ހިލާފު އަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެލުމެވެ. މީގެ އިތުރުން، އެފަދަ ހަރަކާތްތަކުގައި ޝާމިލްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް މި ގަރާރު މެދުވެރިކޮށް ބާރުއަޅާފައިވެއެވެ.

މި ގަރާރު މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޓީ މަރުހަލާގައި މި ގަރާރު އިތުރަށް ދިރާސާކުރުމަށްފަހު، ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *