Tuesday, 28 July 2026
ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އެކްސް

ސަރުކާރުގެ ބަޔާނަށް ނަޝީދުގެ ވަރުގަދަ ރައްދެއް!

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭރުގެ މީޑިއާތަކަށް ދެއްވި ބަސްދީގަތުންތަކަކާ ގުޅިގެން ދިވެހި ސަރުކާރުން ބަޔާނެއް ނެރުމުން، އެމަނިކުފާނު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައްދު ދެއްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއީ ތިރީސް އިންސައްތައަށްވުރެ ތާއީދު ކުޑަ ސަރުކާރެއްގެ އެކަނި ގައުމެއް ނޫން ކަމަށާއި، މިއީ ހުރިހާ ރައްޔިތުންގެ ގައުމެއް ކަމަށެވެ. މީގެ އިތުރުން ބޭރު ގައުމުތަކުން ލިބޭ އެހީތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ވެސް އެމަނިކުފާނު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

"ދިވެހިރާއްޖެއަކީ މުޅި ދިވެހި ރައްޔިތުންގެ ރާއްޖެ. ތިރީސް ޕަސެންޓަށްވުރެ ތާއީދު ދަށްކޮށް އޮތް (ރައީސް) މުއިއްޒުގެ ސަރުކާރުގެ ރާއްޖެއެއް ނޫން،" އެ މަނިކުފާނުގެ ޕޯސްޓުގައިވެއެވެ.

އަދި ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި އަދި އެހެން ވެސް ހުރިހާ ސިޔާސަތުތައް މުތާލިޔާކޮށް، ދެނެގަނެ، އެ ސިޔާސަތުތަކަށް ފާޑުކިޔުމަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށާއި، އެކުވެރި ދައުލަތްތަކުން ދޭ މަލީ އެހީއާއި ލޯނުތައް ސަރުކާރުން ބޭނުންކުރަން ޖެހޭނީ ޒިންމާދާރުކަމާ އެކުކަން ނަޝީދު ވަނީ ހަނދާންކޮށްދެއްވާފައެވެ.

މި މައްސަލައިގައި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ދައްކާ ވާހަކަތަކަކީ ހަގީގަތާ އެއްގޮތަށް ދައްކާ، ގައުމީ އެއްބައިވަންތަކަން ކުރިއަރުވާ ވާހަކަތަކަކަށް ވާންޖެހޭނެ ކަމަށެވެ. ނަމަވެސް ނަޝީދު ވަނީ ސަރުކާރުގެ މި ވިސްނުމަށް ފާޑުވިދާޅުވެ، ގައުމުގެ ކަންކަމުގައި ހުރިހާ ރައްޔިތުންގެ ހިއްސާ އޮންނަންޖެހޭނެ ކަމަށް ބާރުއަޅުއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *