ހައުސިން މިނިސްޓްރީން ބުނީ، އަމިއްލައަށް ފޯމު ފުރަން ދަތި ފަރާތްތަކާއި، 18 އަހަރު ނުފުރޭ ކުދިންގެ ބަދަލުގައި، އެންސްޕާގައި އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ދެން ފްލެޓަށް ހުށަހެޅޭނެ ކަމަށެވެ. މި ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން އަންނަ މަހުގެ 15 ވާ ބުދަ ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށެވެ.
މި ބަދަލަކީ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ޝަރުތުތަކަށް ގެނެވުނު މުހިންމު އިސްލާހެކެވެ. މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދީ، އެފަރާތްތަކުގެ އާއިލާތަކަށް ލުޔެއް ފޯރުކޮށްދިނުމެވެ.
މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިއްބު މީގެ ކުރިން ވިދާޅުވެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ޝަރުތުތައް އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. މިއީ އެ މަސައްކަތުގެ ދަށުން ގެނެވުނު ބަދަލެކެވެ.


