Tuesday, 28 July 2026
ހުއިފިލަނޑާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މަޝްވަރާކުރުން. ފޮޓޯ؛މަސްވެރިކަމާ ބެހޭ ވުޒާރާ.

ހުއިފިލަނޑާ އެކްސްޕޯޓްކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ވަޒީރު ޝިޔާމް މަޝްވަރާކުރައްވައިފި

ރާއްޖޭގައި ހުއިފިލަނޑާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ދިމާވެފައިވާ އެކި ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިއްޔެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބާއި، ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސައިން ޝަރީފްގެ އިތުރުން އެ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ހުއިފިލަނޑާގެ މަސްވެރިކަމާއި އެކްސްޕޯޓް ކުރުމުގެ ވިޔަފާރީގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ބޭފުޅުން ވަނީ ބައިވެރިވެ، ދާއިރާގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ހުއިފިލަނޑާގެ ވިޔަފާރީގެ މުޢާމަލާތްތަކުގައި ހުރި ހުރަސްތައް ނައްތާލައި، އެކްސްޕޯޓް ކުރާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، ހުއިފިލަނޑާގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ކަނޑައަޅާފައިވާ އުސޫލުތައް މިހާރަށްވުރެ ހަރުދަނާކޮށް ތަންފީޒުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވުޒާރާއިން އަލިއަޅުވާލިއެވެ.

މި ސިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން، ބައިނަލްއަޤްވާމީ 'ސައިޓީސް' (CITES) މުއާހަދާ ތަންފީޒުކުރުމުގައި މަސްވެރިކަމަށް ކުރާ އަސަރުތަކާއި، އެ މުއާހަދާގެ ދަށުން އަމަލުކުރަންޖެހޭ ހަމަތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރެވުނެވެ. ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްވަރާތަކުގެ މަޤްޞަދަކީ މަސްވެރިންނަށާއި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ކުރިމަތިވާ ތަކުލީފުތައް ކުޑަކޮށް، ރާއްޖޭގެ އިޤްތިޞާދަށް މި ސިނާޢަތުން ލިބޭ މަންފާ އިތުރުކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ މަސްވެރިކަމުގެ ހުރިހާ ދާއިރާއަކުންވެސް މަސްވެރިންނަށް ހުރި ގޮންޖެހުންތައް ނައްތާލައި، ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *