Tuesday, 28 July 2026
ސަރުކާރުގެ އިސްތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު ,މުންދު-----ފޮޓޯ:ރައީސްއޮފީސް

މިދިޔަ އަހަރު ރައީސް ކުރެއްވި ފަސް ދަތުރުފުޅަކަށް 5.5 މިލިއަން ރުފިޔާ ހަރަދުވި: މުންދު

ފާއިތުވި 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެއިން ބޭރަށް ކުރެއްވި ފަސް ދަތުރުފުޅަކަށް ޖުމްލަ 5.5 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ސަރުކާރުގެ އިސްތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު (މުންދު) މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި ރައީސްގެ ދަތުރުފުޅުތަކުގެ ތަފުސީލު ހާމަކުރުން ބައެއް ފަހަރު ލަސްވަނީ އެކި ވުޒާރާތަކާއި އިދާރާތަކުން ބައިވެރިވާ ބޭފުޅުންގެ ހަރަދުތައް އެ އިދާރާއަކުން ހަމަޖައްސާތީ، އެ ހުރިހާ މައުލޫމާތެއް އެއްކުރުމަށް ވަގުތު ބޭނުންވާތީއެވެ. "ރައީސްގެ އަރިހުގައި އެކި ވުޒާރާތަކާއި އިދާރާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާއިރު އެ ބޭފުޅުންގެ ހަރަދުތައް ހަމަޖައްސަނީ އެ ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ އިދާރާތަކުން،" މުންދު ފާހަގަކުރެއްވިއެވެ.

ދަތުރުފުޅުތަކުގެ ތަފުސީލު:

ސަރުކާރުން ހާމަކުރި ތަފުސީލުތަކަށް ބަލާއިރު، އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށެވެ. އެގޮތުން ހާމަކުރި ހިސާބުތަކަކީ:

  • އޭޕްރީލު 2025 ގައި މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅު: 245,170 ރުފިޔާ
  • 2025 ގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު: 2.27 މިލިއަން ރުފިޔާ
  • ޖުލައި 2025 ގައި އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު: 1.57 މިލިއަން ރުފިޔާ
  • ސެޕްޓެންބަރު 2025 ގައި ގަތަރަށް ކުރެއްވި ދަތުރުފުޅު: 570,971 ރުފިޔާ
  • ނޮވެންބަރު 2025 ގައި އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު: 870,411 ރުފިޔާ

މުންދު އިތުރަށް ވިދާޅުވީ މި ދަތުރުފުޅުތަކުގެ ފަހުން ރައީސް ކުރައްވާފައިވާ އެހެން ދަތުރުފުޅުތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތް ނިމުމާއެކު އެ ތަފުސީލުތައްވެސް އާންމުކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަކީ ޕީއެންސީ ފިކުރުގެ ސަރުކާރަކުން ތައާރަފުކުރި ގާނޫނެއްކަން ފާހަގަކުރައްވަމުން، ސައްހަ ނިޔަތުގައި ހުށަހަޅާ ހުރިހާ އާރުޓީއައި ފޯމުތަކަށް މި ސަރުކާރުން ޖަވާބުދާރީވާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *