މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ އުފެއްދުންތައް އަވަށްޓެރި ސްރީލަންކާގައި ތަޢާރަފު ކޮށްފައިވާއިރު، އެ ޤައުމުގައި ދިވެހި މަހުގެ އުފެއްދުންތަކަށް ބޮޑު ޑިމާންޑެއް އޮތް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މިފްކޯގެ އުފެއްދުންތައް ލަންކާގައި ތަޢާރަފުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ހަވާސާގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވީ، މިފްކޯގެ "ވެލިއު-އެޑެޑް" މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ފުޅާކުރުމަށްޓަކައި ލަންކާއިން ޚާއްސަ ކޯޓާއެއް ހޯދުމަށް ރައީސްގެ ދަތުރުފުޅުގައި އެދިވަޑައިގެންފައިވާ ކަމަށެވެ. ސްރީލަންކާއަކީ ބައެއް ދާއިރާތަކުން ފޮރިން އިންވެސްޓްމަންޓްތަކަށް ފުރުސަތު ހަނި ޤައުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ތަރުޖަމާން ވިދާޅުވި ގޮތުގައި ލަންކާގައި މަހުގެ އުފެއްދުންތަކާއި ދަޅުމަހުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވެން އޮތީ އެކަމަށް ޚާއްސަ ކޯޓާއެއް ހޯދައިގެންނެވެ. އެހެންކަމުން، ވަކި ސައިޒެއްގެ ދަޅުމަސް އެކްސްޕޯޓް ކުރުމުގެ ހުއްދައަށް ރަސްމީކޮށް އެދިވަޑައިގެންފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިފްކޯއަށް ކޯޓާއެއް ދެއްވާށޭ ދަޅު މަސް ވަކި ސައިޒެއްގެ ދަޅު އެކްސްޕޯޓް ކުރަން. އެއީ ސްރީލަންކާގައި ޑިމާންޑެއް އެބަ އޮތް،" ތަރުޖަމާން ވިދާޅުވިއެވެ.
ދިވެހި މަހުގެ އުފެއްދުންތަކަށް ލަންކާގައި ބޮޑު މާކެޓެއް އޮތްކަން ފާހަގަކުރައްވަމުން ތަރުޖަމާން ވިދާޅުވީ، ލަންކާގެ ރައްޔިތުންގެ މެދުގައި ކަޅުބިލަމަސް މަޝްހޫރުވެފައިވަނީ "މޯލްޑިވްސް ފިޝް" ގެ ގޮތުގައި ކަމަށެވެ. މި ފުރުސަތު ލިބުމަކީ މިފްކޯގެ އުފެއްދުންތަކަށް ބައިނަލްއަޤުވާމީ މާކެޓުގައި ކުރިއެރުން ލިބިގެންދާނެ ކަމެއް ކަމަށް ސަރުކާރުން ދެކެއެވެ.


