ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދިފާޢީ ދާއިރާއިން މީހުން ބިނާކުރުމާ ގުޅޭގޮތުން އޮސްޓްރޭލިއާ ސަރުކާރާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ، މިނިސްޓްރީ އޮފް ޑިފެންސްގައި މިއަދު ބޭއްވުނު ބައްދަލުވުމެއްގައެވެ. ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ގިނަ ކަންތައްތަކަކާ މެދު ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ.
ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގެ އޮޕަރޭޝަންތައް ވަރުގަދަކުރުމާއި، ސިފައިންގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށެވެ. އަދި ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ޤާއިމްކުރުމަށް ދެ ޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ވަޒީރު ޙަސަން ރަޝީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް އޮސްޓްރޭލިއާ ސަރުކާރުން ދެމުންދާ މެދުކެނޑުމެއްނެތް އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަކީ، ސަރަހައްދީ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކަށް އިޖާބަދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އޮސްޓްރޭލިއާއަކީ ދިވެހިރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަކުރުމުގައި ޒަމާނުއްސުރެ މުހިންމު ބައިވެރިއެކެވެ. އެގޮތުން ދާދިފަހުން އޮސްޓްރޭލިއާ ސަރުކާރުން ދިވެހި ސިފައިންނަށް ހަދިޔާކުރި "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓަކީ މި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި މި ބޯޓަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ދަށުން ހޯއްދަވާފައިވާ މުހިންމު ވަސީލަތެކެވެ.


