Tuesday, 28 July 2026
ފިލައިގެން އުޅޭ ކަމަށް ބުނެ ހޯދަމުންދާ، 32 އަހަރުގެ ކެލްވިން އޮޑިރާ އަލީ -- ފޮޓޯ: އިމިގްރޭޝަން

ފިލައިގެން އުޅޭ ބިދޭސީއަކު ހޯދަން އިމިގްރޭޝަނުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ފިލައިގެން އުޅޭ ކަމަށް ބުނެ ބިދޭސީއަކު ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. މި މައްސަލައާ ގުޅިގެން އިމިގްރޭޝަނުން ހޯދަމުންދަނީ ނައިޖީރިއާއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ކެލްވިން އޮޑިރާ އަލީ ނަމަކަށް ކިޔާ މީހެކެވެ.

އިމިގްރޭޝަނުން އޭނާ ހޯދުމަށް އިއުލާނުކޮށްފައިވީ ނަމަވެސް، އޭނާ ހޯދަން ޖެހުނު ސީދާ ސަބަބެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ. އިމިގްރޭޝަނުން ވަނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، އެ އިދާރާގެ ހޮޓްލައިން ނަންބަރު 9199017 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ނުވަތަ އީމެއިލް މެދުވެރިކޮށް އެންގުމަށް އެދިފައެވެ.

މިދިޔަ މާރިޗު މަހުގެ ކުރީކޮޅު ވެސް ފިލައިގެން އުޅޭ ބަންގްލަދޭޝްގެ ދެ ބިދޭސީއަކު ހޯދުމަށް އިމިގްރޭޝަނުން އިއުލާނުކޮށްފައިވެއެވެ. އޭގެ ތެރެއިން އެކަކީ އޭގެ ދެ މަސް ކުރިން ވެސް ހޯދުމަށް އިއުލާނުކޮށްފައިވާ މީހެއްކަން ފާހަގަކުރެވެއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ. އެގޮތުން، މި ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *