Tuesday, 28 July 2026
މޯލްޑިވްސް ޕޮލިސް ހެޑްލްއާޓާސް---ފޮޓޯ: ރާއްޖެ24

އެޗްއާރްސީއެމްގެ އެންޕީއެމް ރިޕޯޓުގައިވާ ކަންކަން އިސްލާހުކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ޝާއިއުކޮށްފައިވާ "ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް" (އެންޕީއެމް) ގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހު ކުރާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

މި ރިޕޯޓާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މުއައްސަސާތަކުގެ ޒިންމާދާރުކަން އިތުރު ކުރުމާއި، ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމުގެ އިތުރުން އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި މިނިވަން މުއައްސަތަކުން އަދާކުރާ މުހިންމު ދައުރު އެ ހިދުމަތުން ބަލައިގަންނަ ކަމަށެވެ. ވަކިން ހާއްސަކޮށް، އަނިޔާކުރުމާއި އެހެނިހެން ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ކުރިއަށްގެންދާ މޮނިޓަރިންގ މަސައްކަތްތަކަކީ ގައުމީ ފެންވަރުގައި ދެވިފައިވާ މުހިންމު އަހަންމިއްޔަތުކަމެއްގެ ގޮތުގައި ފުލުހުން ދެކޭ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެންޕީއެމް ރިޕޯޓާ ގުޅޭގޮތުން ހަބަރު ގެނެސްދިނުމުގައި ބައެއް މީޑިއާތަކުން ބޭނުންކޮށްފައިވާ ބަސްމަގާއި މާނަކޮށްފައިވާ ގޮތާމެދު ފުލުހުން ވަނީ ސުވާލު އުފައްދާފައެވެ. ފުލުހުން ފާހަގަކުރި ގޮތުގައި، ރިޕޯޓުގެ އަސްލު މަގްސަދާއި، މުއައްސަސާތަކަށް ކުރިމަތިވެފައިވާ ވަސިލަތްތަކާއި އޮޕަރޭޝަނަލް ގޮންޖެހުންތަކަށް ރިއާޔަތްނުކޮށް ބައެއް މީޑިއާތަކުން ހަބަރު ފަތުރާފައިވެއެވެ.

"އާންމުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި ކަންކަމުގެ އަސްލަށް ވާސިލުވެ، ޒިންމާދާރުކަމާއެކު ހަބަރު ފެތުރުމަކީ ނުހަނު ބޭނުންތެރި ކަމެއް،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ މުޅި ނިޒާމަށް އަމާޒުކޮށްފައިވާ، އަދި ވަކި މުއައްސަސާއަކަށް އެކަނި ދިމާވެފައިވާ ގޮންޖެހުންތަކެއް ނޫންކަން ފުލުހުން ފާހަގަކުރިއެވެ. އަދި ރިޕޯޓުގައި ހިމެނޭ ހޯދުންތަކަކީ ކަންކަން އިސްލާހުކުރުމަށް ދީފައިވާ އިރުޝާދުތަކަކާއި ލަފާތަކެއް ކަމަށާއި، އެއީ ގާނޫނީ ގޮތުން ކުށެއް ނުވަތަ ނުރަނގަޅު އަމަލެއް ހިންގާފައިވާކަން ކަނޑައަޅާ ނިންމުންތަކެއް ނޫންކަންވެސް ފުލުހުން ސާފުކޮށްދީފައިވެއެވެ.

ފުލުހުންގެ ހިދުމަތުން އިތުރަށް ބުނީ، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކޮށް ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި އެޗް.އާރް.ސީ.އެމް އާއި ކަމާބެހޭ އެހެނިހެން ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގައި ދެމިއޮންނާނެ ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތްތައް ގާނޫނުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެ މުއައްސަސާއިން ވަނީ އަރުވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *