Tuesday, 28 July 2026
ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ތިލަމާލެ ބްރިޖްގެ މަސައްކަތް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: ރާއްޖެ24

ތިލަމާލެ ބްރިޖް މަޝްރޫއުގެ 72 އިންސައްތަ މަސައްކަތް ނިމިއްޖެ

ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގެ 72.17 އިންސައްޔަ މިހާތަނަށް ފުރިހަމަ ކުރެވިފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މާލެ، ވިލިމާލެ އަދި ގުޅިފަޅު ގުޅާލުމަށް ކުރިއަށްގެންދާ މި ބިޔަ މަޝްރޫއުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.

އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މިވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބްރިޖް ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، އެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން 86 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިމިފައެވެ. އަދި މީގެ ތެރެއިން 60 އިންސައްތަ ސެގްމަންޓް މިހާރު ވަނީ އިންސްޓޯލްކޮށް ނިންމާފައެވެ.

މީގެ އިތުރުން، ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމާއި ކަލްވާޓްތައް ހަރުކުރުމުގެ މަސައްކަތް ކަމަށް އެ ވުޒާރާއިން ބުންޏެވެ. މި މަޝްރޫއުގެ އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ކަމަށްވާ ޕައިލްތައް ޖެހުމުގެ މަސައްކަތް މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހު ވަނީ އެއްކޮށް ނިންމާލާފައެވެ. ޕައިލިން މަސައްކަތުގެ ދަށުން، 263 ޕައިލް ކަނޑާއި އެއްގަމުގެ 68 ތަނެއްގައި ވަނީ ގާއިމުކޮށްފައެވެ.

އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ބޮޑު މަޝްރޫއެކެވެ. މީގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ބްރިޖުގެ ނިމިފައި އޮތީ 29 އިންސައްތައެވެ. ކުރީގެ ސަރުކާރުން 2021 ވަނަ އަހަރު މި މަސައްކަތް ހަވާލުކުރި ނަމަވެސް، ވެރިކަން ބަދަލުވިއިރު ނިމިފައިވަނީ މަދު މަސައްކަތްތަކެކެވެ. ނަމަވެސް މިހާރު މި މަޝްރޫއުގެ ބޮޑު ބައެއް ނިމި، އަމަލީ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *