މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) ގެ މަހުގެ އުފެއްދުންތައް ސްރީލަންކާގައި ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ. މިކަމަށްޓަކައި ސްރީލަންކާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ އުފެއްދުންތައް ލަންކާގެ ބާޒާރަށް ތަޢާރަފްކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ސްރީލަންކާގެ ރައްޔިތުންނަކީ ކުރިންވެސް ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޚާއްސަ ލޯތްބެއް ދޭ ބައެއް ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން، މިފްކޯގެ އުފެއްދުންތައް ލަންކާގެ ރައްޔިތުންނަށާއި އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ފަސޭހައިން ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން މަސްވެރިކަމުގެ ސިނާޢަތް ޒަމާނީކޮށް، އިޤްތިޞާދީ ގޮތުން ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. "މިއީ އެ ތަޞައްވުރު ޢަމަލީ ގޮތުން ދައްކުވައިދޭ ވަރުގަދަ މިސާލެއް. އެއީ ސީދާ ސްރީލަންކާގެ ރައްޔިތުންނަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ލިބި ވިޔަފާރިއަށްވެސް އައު ފުރުޞަތުތަކެއް އުފެދިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.
ސްރީލަންކާގެ ބާޒާރަށް މިފްކޯއިން ތަޢާރަފްކުރި އުފެއްދުންތަކުގެ ތެރޭގައި ފަސްމީރު ބްރޭންޑްގެ ވަޅޯމަހާއި، އެކި ބާވަތްތަކުގެ މަސްދަޅުގެ އިތުރުން ރިހާކުރާއި ޕެކެޓްގައި ބަންދުކޮށްފައިވާ މުގުރި މަސް ހިމެނެއެވެ. މި ރަސްމިއްޔާތުގައި ލަންކާގެ މިނިސްޓަރ އޮފް ޓްރޭޑް ވަސަންތާ ސަމަރަސިންގެ އާއި ޑިވެލޮޕްމަންޓް އިންޓަރޕްލޭން ސިލޯންގެ ސީއީއޯ ޒުރައިޝް ޙާޝިމް ބައިވެރިވެވަޑައިގެންނެވިއެވެ.
މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަޤުވާމީ ބާޒާރުގައި އިތުރަށް އިޝްތިހާރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ "ފްރޮމް މޯލްޑިވްސް" ގެ ނަމުގައި ޤައުމީ އައު ބްރޭންޑެއް ތަޢާރަފްކޮށްފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ އުފެއްދުމެކެވެ.


