Tuesday, 28 July 2026
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ރައީސާއި ލަންކާގެ މަޖިލިސް ރައީސް މަޝްވަރާކުރައްވައިފި

ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް އޮނަރަބަލް (ޑޮކްޓަރ) ޖަގަތް ވިކްރަމަރަތްނަ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ މެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މި ގުޅުމަކީ ހަމައެކަނި ސިޔާސީ ގުޅުމެއް ނޫންކަމަށާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައިވެސް ޚާއްޞަ ގުޅުމެއް އުފެދިފައިވާކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިހުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، މޯލްޑިވްސް-ސްރީލަންކާ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕާއި ސްރީލަންކާ-މޯލްޑިވްސް ޕާލިމެންޓަރީ ފްރެންޑްޝިޕް އެސޯސިއޭޝަން މެދުވެރިކޮށް މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، ދެ ޤައުމުގެ މަޖިލިސްތަކުގެ މެދުގައި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށް، މަޢުލޫމާތު ޙިއްސާކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މެދުގައި އެއްބާރުލުން އިތުރަށް ފުޅާކޮށް، ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ބޭފުޅުންވެސް އިއްތިފާގުވެވަޑައިގަންނަވަމުންނެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކޮށްފައިވަނީ ޖުލައި 2025 ގައެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *