Tuesday, 28 July 2026
ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް "ބެސްޓް ޗޮއިސް" ގެ ގޮތުގައި ވަނީ ރޭޓްކޮށްފަ -- ފޮޓޯ: ސަރުކާރު

ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް 'ސީފުޑް ވޮޗް' އިން ތާރީޚީ ރޭޓިންގްއެއް ކަނޑައަޅައިފި

ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަ ރޭޓިންގްއެއް އެމެރިކާގެ މޮންޓަރޭ ބޭ އެކުއޭރިއަމްގެ 'ސީފުޑް ވޮޗް' ޕްރޮގްރާމުން ކަނޑައަޅައިފިއެވެ. މިއީ އެ ޕްރޮގްރާމުގެ ތާރީޚުގައި ވެސް ވަކި ޤައުމަކަށް ޚާއްޞަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންގްއެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.

ސީފުޑް ވޮޗް އިން އެންމެ ފަހުން އާންމުކުރި މިންގަނޑުގައި ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އިންޑިއާ ކަނޑުގެ އެކި ސަރަޙައްދުތަކުގައި މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާ މެދު ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މުޅި ސަރަޙައްދުން ވެސް ކަނޑުމަހުގެ ވިޔަފާރީގައި އިޚްތިޔާރުކުރަން އެންމެ ރަނގަޅު ނުވަތަ "ބެސްޓް ޗޮއިސް" ގެ ގޮތުގައި ރޭޓްކޮށްފައިވަނީ ރާއްޖޭގެ އުފެއްދުންތަކެވެ.

މިކަމާ ގުޅިގެން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މިއީ ދިވެހިރާއްޖެއަށް ލިބުނު ފަޚުރުވެރި ކުރިއެރުމެއް ކަމަށެވެ.

"ސީފުޑް ވޮޗް އިން ވަކި ޤައުމަކަށް ހާއްޞަކޮށް ދޭ ރޭޓިންގްއެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުމަކީ، ދެމެހެއްޓެނިވިކަމާއި ޒިންމާދާރުކަމުގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ މަސްވެރިކަމުގެ މޮޑެލް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެފައިވާކަމުގެ ހެއްކެއް،" ވަޒީރު ވިދާޅުވިއެވެ.

މި ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މަސްވެރިކަން ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، މަސްވެރިންނާއި ސަރުކާރު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.

މި އާ ރޭޓިންގްގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓް ކަމަށްވާ އުތުރު އެމެރިކާގެ ބާޒާރަށް ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *