Tuesday, 28 July 2026
Palestinian Ambassador to the United Nations Riyad Mansour speaks after U.S. Deputy Ambassador to the United Nations Robert Wood voted against members of the Security Council allowing Palestinian U.N. membership during a Security Council at U.N. headquarters in New York City, New York, U.S., April 18, 2024. REUTERS/Eduardo Munoz

އދ.ގެ ފުރިހަމަ މެމްބަރު ގައުމަކަށްވުމަށް ފަލަސްތީނުން ކުރި މަސައްކަތް އެމެރިކާއިން ވީޓޯ ކޮށްލައިފި!

ފަލަސްތީނަކީ ޢދގެ ފުރިހަމަ މެމްބަރަކަށް ވުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އެމެރިކާއިން ވީޓޯ ކޮށްލައިފިއެވެ.

އދ.ގެ މެމްބަރު ގައުމަށް ހެދުމަށްޓަކައި ފުރަތަމަ ޖެހެނީ ސަލާމަތީ މަޖިލީހުން އދ.ގެ އެސްޖީ އެކަމުގައި ލަފާދޭށެވެ. އަދި އެއަށްފަހު އެކަން އދ.ގެ އާންމު މަޖިލީހަށް ފޮނުވައި މަޖިލީހުގެ ތިންބައިކުޅަ އެއްބައި އަގުލަބިއްޔަތު ހޯދާށެވެ.

ނަމަވެސް ފަލަސްތީނުން އދ.ގެ މެމްބަރުކަން ހޯދަން ކުރި މަސައްކަތް ވަނީ އެމެރިކާއިން އެގައުމަށް ލިބިފައިވާ ވީޓޯ ކުރުމުގެ ބާރު ބޭނުންކޮށްގެން އާންމު މަޖިލީހަށް އެގަރާރު ދިއުމުގެ ކުރިން ސަލާމަތީ މަޖިލީހުން ވީޓޯ ކޮށްލާފައެވެ.

ފަލަސްތީނަށް އދ.ގެ މެންބަރުކަން ދިނުމަށް ލަފާދޭން ސަލާމަތީ މަޖިލީހުގެ 12 ގައުމަކުން ތާއީދުކުރި އިރު އިނގިރޭސި ވިލާތާއި ސްވިޓްޒަލެންޑުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

މި ހުށަހެޅުން އެމެރިކާއިން ވީޓޯ ކޮށްލުމާއި ގުޅިގެން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ނެރުއްވި ސްޓޭޓްމަންޓެއްގައި ވަނީ މިއީ ފަލަސްތީނާއި ދެކޮޅަށް ދެއްކި ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި މިކަމުގެ ސަބަބުން މެދު އިރުމަތީގެ ހަމަނުޖެހުން އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ.

ފަލަސްތީނުން އދ. އަށް ހަމަޖައްސާފައި ހުންނަވާ މަންދޫބު ރިޔާޒް މަންސޫރީ ވިދާޅުވީ މިގޮތަށް ވީޓޯ ކޮށްލިނަމަވެސް ފަލަސްތީނުގެ ރައްޔިތުން ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ހެދުމަށް ކުރާ މަސައްކަތް ހުއްޓާ ނުލާނެކަމަށާއި، ފަލަސްތީނުގެ ދައުލަތް އުފަންވާނެ ކަމަށެވެ.

"ހަނދާނުގައި ބަހައްޓަވާތި. މި ބައްދަލުވުން ނިންމާލާއިރު ފަލަސްތީނުގެ އެތައް ބަޔަކު އެކަމުގެ އަގު އެ މީހުންގެ ފުރާނައިން އަދާކުރަމުންދާކަން … އެއީ އިންސާފު މިނިވަންކަމާއި ސުލްހަ ގާއިމުކޮށްދިނުން ލަސްވާތީ،" އަސަރާ އެކު އޭނާ ވިދާޅުވި އެވެ.

މިހުށަހެޅުމުގައި އިސްނަގައިގެން އުޅުނު އަލްޖީރިއާއިން ބުނީ އެމެރިކާއިން މި ގަރާރު ވީޓޯ ކޮށްލިނަމަވެސް ވަރަށް ގިނަ ގައުމުތަކުން މިކަމަށް ތާއީދު ކޮއްފައިވާ ކަމަށާއި، ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުން ރަނގަޅު ކަމަށެވެ.

ފަލަސްތީނަށް އދ.ގެ އޮބްޒާވަރެއްގެ ދަރަޖަ ވެސް ލިބުނީ 2012 ވަނަ އަހަރު އެވެ. ފަލަސްތީނުން ވަނީ ފުރިހަމަ މެމްބަރުކަން ހޯދުމަށް އަހަރުތަކެއް ވަންދެން ލޮބީކޮށްފަ އެވެ. އަދި މިހާތަނަށް ފަލަސްތީނަކީ މިނިވަން ދައުލަތެއްކަމުގައި ބަލައިގަނެފައިވަނީ އދ.ގެ 140 މެމްބަރު ގައުމަކުންނެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *