ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިހުލާސްތެރިވީ ކޮން ބައެއްކަމާ އިހުލާސްތެރި ނުވަނީ ކޮންބައެއްކަން ބުނާކަށް ޕީޕީއެމްގެ އިސްވެރިންނަކަށް ނޭނގޭނެ ކަމަށާއި، އެކަން އިގޭނީ އެމަނިކުފާނަށް ކަމަށް ޔާމީން ވިދާޅުވެއްޖެ އެވެ.
ރިޝްވަތު ދިނުމާ މަނީ ލޯންޑްރިންގެ ކުއް ސާބިތުވެ 11 އަހަރުގެ ޖަަލު ހުކުމެއްގައި ހުއްނެވުމައްފަހު މިޔަދު ހައިކޯޓުގައި ހުކުމް އިސްތިއުނާފް ކުރުމުން މިނިވަންވެ ވަޑައިގަތް ކުރީގެ ރައީސް ޔާމީން ޕީއެންއެފް އޮފީހުގައި ވާހަކަ ދައްކަވަމުން ރޭ ވިދާޅުވީ އެމަނިކުފާނަށް އިހުލާސްތެރިވި މީހުން ބުނަން އިގޭނީ ފިޝަރީޒް މިނިސްޓަރު ޝީޔާމާއި ރައީސްގެ ހާއްސަ ވަޒީރު އަބްދުއްރަހީމައް ނޫން ކަމަށެވެ. އެކަން އެމަނިކުފާނު ޖަޖް ކުރަން ދޫކޮށްލެއްވުމަށް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާތައްކޮށް، ކޯޓުތަކުގެ އަޑު އެހުންތަކަށް ދިޔަ ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ތެރެއިން ރައީސް ޔާމީންގެ އަރިހުގައި ތިއްބެވީ ވަރަށް މަދު ބޭފުޅުންނެވެ.
މި ސަރުކާރުގެ ލީޑަރޝިޕްއިން ކުރީގެ ނައިބު ރައީސް އަދި ޔާމީންގެ ގާނޫނީ ޓީމްގެ އިސް ވަކީލް ޑރ. ޖަމީލް އަކީ ޔާމީންއަށް އިހުލާސްތެެރި ހެޔޮއެދޭ މީހެން ނޫން ކަމަށް ވިދާޅުވާ ވިދާޅުވުމަށް ރައްދުދެއްވާ ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލުގައި ބަންދުވެ އެއްމެ ހާލުގައި ޖެހުނު ދުވަހު އެއްވެސަ މަޖުބޫރު ކަމެއްނެތި އަމިއްލަޔަށް ވަޑައިގެން ޖަމީލް އެމަނިކުފާނުގެ ގާނޫނީ ޓީމް ލީޑްކުރި ކުރުމަކީ ދުވަހަކުވެސް ދެން ހަދާން ނެތޭނެ ކަމެއް ނޫން ކަމަށެވެ.
”އަޅުގަނޑުގެ ކައިރީގައި ޑރ. ޖަމީލް އާ މަލީހް ގޯސް ހަދާ ވާހަކަ ޝިޔާމްއާ އަބްދުއްރަހީމާ ދެން ދައްކަވާނެ ކަމެއް ނެތް. ރައީސް މުއިއްޒުގެ ރޯލް މޮޑެލް އަކީ އަބްދުއްރަހީމް. އެކަމަކު އަޅުގަނޑުގެ ރޯލް މޮޑެލްއަކަށް އަބްދުއްރަހީމެއް ނުވާނެ. އެއީ ވާނެ ކަމެއް ނޫން” ކުރީގެ ރައީސް ޔާމީން ވިދާޅުވި އެވެ.
ޔާމީން އިތުރަށް ވިދާޅުވީ މިހާރު ސަރުކާރުގައި ތިބެ އެމަނިކުފާނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަކީ އެމަނިކުފާނު ބިލްޑުކުރި ބަޔެއް ކަމަށްވާތީ ވަރަށް ހިތާމަ ކުރައްވާ ކަމަށެވެ.


