ވ އާރަށް ކުއްޔަށް ދޫކުރުކުރުމުގެ މުއާމަލާތުގައި ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރިޝްވަތު ދީފައިވާކަން ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 3 އަހަރުގެ ޖަލު ހުކުމް ބާތިލްކޮއް އަލުން އެމައްސަލަ ބެލުމަށް ހައި ކޯޓުން އަމުރު ކޮށްފިއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކުރުމާ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވަނީ 11 އަހަރުގެ ޖަލުހުކުމެކެެވެ. އަދި ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވާކަމަށް ނިންމާ ޔޫސުފް ނައީމްގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ތިން އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރުމަށް މި ދެ ބޭފުޅުންވެސް ވަނީ ހައިކޯޓަށް ހުށަހަޅާފަ އެވެ.
މި މައްސަލައިގެ އަޑުއެހުންތަކުގައި ޔޫސުފް ނައީމްގެ ވަކީލު، ހަމްޒާ ލަތީގް ވަނީ އައު ހެކި ހުށަހެޅުމާއި ހެކި ހާމަކުރުމާއި ހެކި ބަލައިގަތމުގައި ކްރިމިނަލް ކޯޓުން އަމަލު ކުރިގޮތް އިސްތިއުނާފު ނުކުތާތަކުގެ ގޮތުގައި ހުށަހަޅުއްވާފަ އެވެ.
މިއަދު ހައިކޯޓުން އިއްވި ހުކުމްގައިވަނީ ގާނޫނުލް އުގޫބާތުގެ ދަށުން ރިޝްވަތަކަށް ވާނީ ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ ހައިސިއްޔަތާ ގުޅޭ ކަމެއްގައި ހުއްދަ ނޫން މަންފާއެއް ދިނުން ކަމަށް ވާއިރު، ރަށްތައް ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ހައިސިއްޔަތާ ގުޅޭ ކަމެއްކަން ދަށު ކޯޓުން ބަޔާން ކޮށްދީފައިނުވާ ކަމަށް ހުކުމުގައިވެއެވެ. އެހެންވެ، ޔޫސުފް ނައީމްގެ ފަރާތުން ޔާމީނަށް ދެއްވި އެއް މިލިއަން ޑޮލަރަކީ ހުއްދަނޫން މަންފާއެއްގެ ގޮތުގައި ދޭ ފައިސާއެއްކަން ޔޫސުފް ނައީމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އެނގޭ ކަން ނުވަތަ އެނގެން ނެތް ކަމަށް ހުކުމުގައިވެ އެވެ.
ޝަރީއަތް ކުރިޔަށް ދިޔައިރު، ޔޫސުފް ނައީމު ސާފުކުރަން ބޭނުންވާ ގިނަ ސުވާލުތަކެއް ހުށަހެޅި ނަމަވެސް އޭގެއިން އެއްވެސް ކަމަކަށް ޖަވާބު ލިބިފައި ނެތްކަމަށް ހުކުމުގައި ވެއެވެ. އޭގެތެރޭގައި ޖަލު އަދަބުގެ ބަދަލުގައި، އެއަށް ވުރެ ލުއި އަދަބެއް ދިނުމަށް ހުށަހެޅި ހުށަހެޅުމަށް އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައި ނެތުން ހިމެނެ އެވެ. ޖަލު އަދަބުގެ ބަދަލުގައި އެހެން އަދަބަކަށް ހުށަހަޅައި މިއީ ހަމައެކަނި ދެވެން އޮތް އަދަބު ނޫންކަން ގާނޫނުލްއުގޫބާތުން އެނގެން އެބައޮތްކަމަށް އޭނާގެ ފަރާތުން ހުށަހަޅާފައިވާކަމަށް ހުކުމުގައި ވެއެވެ. އެކަމަކު ދަށު ކޯޓުން އެކަމަށް އެއްވެސް ވަރަކަށް ރިއާޔަތްނުކޮށް ކަން ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހުކުމުގައިވެ އެވެ.
ކޯޓުން މައިގަނޑު ގޮތެއްގައި ހުކުމުގައި ފާހަގަ ކޮށްފައިވަނީ ދައުވާ ރައްދުވާ ޔާމީންއާއި ޔޫސުފް ނައީމްއަށް ދިފާއުގަ ވާހަކަ ދައްކަން އެކަށީގެންވާ ވަގުތު ދީފައިނުވާ ކަމަށާއި އަދި ޔޫސުފް ނައީމްއާ ދެކޮޅަށް ހުކުމް ކޮށްފައިވަނީ ޤާނޫނާއި ހިލާފަށް ކަމަށްވާތީ ހުކުމް ބާތިލްކޮށް އަލުން މައްސަލަ ބަލަން އަމުރު ކުރާކަމަށެވެ.


