މިއަދު އޮންނަ ކުރީގެ ރައީސް ޔާމީންގެ އަޑު އެހުމުގައި އެމަނުކުފާނު މިނިވަން ވެގެން އަންނާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރޭ މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިވީހާދުވަހު ކުރީގެ ރައީސް ޔާމީން މިނިވަންނުވެ އެހުންނެވީ އެމްޑީޕީގެ ނުފޫޒުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިކަމުން ވެސް އެނގި ސާފުވަނީ އަދިވެސް ޖޭއެސްސީގެ ކޮންޓްރޯލް އޮތީ އިދިކޮޅު އެމްޑީޕީގެ އަތުގައިކަމެވެ.
”މީގެ ތިން ދުވަސް ކުރިން ނޫންތޯ މަޖިލިސް ރައީސް އަސްލަމް ވިދާޅުވީ ޖޭއެސްސީއަށް ހުކުމް ކުރުން ލަސްވާ މައްސަލަ ލާނެކަމަށް. ބައްލަވާ މިހާރު އެއޮތީ މާދަމައަށް ޝެޑިއުލް ކޮއްފަ“ ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޖޭއެސްސީގެ ރައީސަކީވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ހައިސިއްޔަތުންވެސް އަދި މަޖިލިސް މެމްބަރެއްގެ ގޮތުގައިވެސް ޖޭއެސްސީގަ ތިއްބަވަނީ އެމްޑީޕީގެ ބޭފުޅުން ޖަމަށާއި ވަކިން ހާއްސަކޮއް ޖޭއެސްސީގެ ރައީސަކީ އެމްޑީޕީ ބޭފުޅަކަށްވާތީ ޖޭއެސްސީގެ ކޮންޓްރޯލް ބޭނުންކޮއްގެން ފަނޑިޔާރުގެއަށް އަދިވެސް މިފެންނަނީ އެމްޑީޕީއިން ބާރުފޯރުވާތަން ކަމަށެވެ.
މުއިއްޒު ވިދާޅުވިގޮތުގައި ވެރިކަމަށް އިންތިހާބުވި އެންމެ ފުރަތަމަ ދުވަހުވެސް މީޑިއާ އާ ބައްދަލުކުރި ކުރުމުގައިވެސް ވާނީ ރައީސް ޔާމީންއަށް އިންސާފު ލިބުން އަވަސް ކުރުމަށާއި ވަގުތުން ގެއަށް ބަދަލު ކުރުމަށް އޭރުގެ ރައީސް ސޯލިހު ކައިރީގައި އެދިގެން ގެއަށް ބަދަލުވެސް ކޮއްފައިކަމަށެވެ.
"އަޅުގަނޑު މީގެ ކުރިންވެސް ވާނީ އާއްމުކޮށް ގޮވާލާފަ ޖުޑިޝަރީއަށް އެމަނިކުފާނުގެ މައްސަލަ އިންސާފު ވެެރިކަމާއިއެކު އަވަހަށް ނިންމައިދޭށޭ" ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ ވެރިންނާ ސިޔާސީ ބޭފުޅުން ޖަލަށްލައި ސިޔާސީ ހުކުމްތައް ކުރާނެ ބޭފުޅެއް ނޫންކަމަށެވެ. ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމުގެ ވައުދު އެމަނިކުފާނު ފުއްދަވާނެ ކަމަށާއި އެކަމަށް ގާނޫނުން ގެންނަންޖެހޭ ބަދަލުގެނެސް ސިޔާސީ ނުފޫޒުން އެއްކިބާވެފައި ތިބި ކުރީގެ ފަނޑިޔާރުން ފަދަ ބޭފުޅުންލައިގެން ޖޭއެސްސީ މިނިވަން ކުރާނެކަމަށެވެ.
މިއަދު ވަނީ ރައީސް ޔާމީންގެ ގާނޫނީ ޓީމްގައި ހިމެނޭ ވަކީލެއް ކަމައްވާ ޝިޔާޒު ވެސް ޔާމީންގެ ޝަރީއަތަށް އަދިވެސް ހުރަސް އަޅަނީ އެމްޑީޕީ އިންކަމަށް ވިދާޅުވެ އެކްސްގައި ޓުވީޓް ކޮށްފަ އެވެ.


