ކުރީގެ ރައީސް ޔާމީންގެ ޝަރީއަތަށް ހުރަސް އަޅާ އެމަކުފާނު މިނިވަންވިޔަ ނުދީ ހުއްޓުވަނީ އެމްޑީޕީ އިން ކަމަށް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އަބްދުﷲ ޝިޔާޒު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރި ޓުވީޓެއްގައި ޝިޔާޒު ވިދާޅުވީ 17 ނޮވެމްބަރު 2018ގައި އެމްޑީޕީއިން ވެރިކަމާ ހަވާލުވީއްސުރެ ކުރީ ސަރުކާރުން ދަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް ސާބިތު ނުހިފޭ އިންޓެލެޖެންސް ރިޕޯޓްތަށް ހަދައި ދޮގު ތުހުމަތުތަށް ކުރަމުން ކަމަށެވެ.
ޝިޔާޒު ވިދާޅުވީ ރައީސް ޑރ.މުއިއްޒުއާ ކުރީގެ ރައީސް ޔާމީންއާ ދެކޮޅަށް އުފުލި ޖިނާއީ ތުހުމަތުތަށް މިކަމުގެ ހެއްކަކަށް ފުދޭ ކަމަށެވެ.
ޔާމީން ނުހައްގުން ޖަލަށްލީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ އިން ކާމިޔާބު ކުރުމަށްޓަކައި ޕީޕީއެމްގެ ލަޝްކަރު ބަލިކޮއްލުމުގެ ނިޔަތުގައި ކަމަށާއި މިހާރުވެސް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުން ކުރައްވައިގެން އެމަނިކުފާނުގެ ޝަރީޔަތަށް ނުފޫޒު ފޯރުވަނީ އެމްޑީޕީއިން ކަމަށް ޔާމީންގެ ގާނޫނީ ޓީމްގައި ހިމެނޫ ވަކީލް ޝިޔާޒު އެކްގައި ބުނެފައިވެ އެވެ.
ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ނުނިމި ލަސްވަމުންދާތީ އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ގެންދަވަނީ މި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.


