ރައްޔިތުން މަޖިލީހަށް ހޮވިވަޑައިގަންނަވާއިރު މެންބަރުން ތިބި ޕާޓީ ބަދަލުކޮށްފިނަމަ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައީސް ތަސްދީގު ކުރައްވައިފިއެވެ.
އެ ބިލަކީ މިއަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ބޭއްވި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ބިލެކެވެ. މި ބިލު ފާސްކުރީ 33 މެމްބަރުންގެ ވޯޓުންނެވެ. ހަ މެމްބަރަކު ދެކޮޅަށް ވޯޓު ދިނެވެ.
އެންޓި-ޑިފެކްޝަން ގާނޫނަކީ، ދިވެހިރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އެ މީހަކު ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑިއާމެދު އަމަލުކުރާނޭ ގޮތް ކަނޑައެޅުމާއެކު، އެފަދައިން ގޮނޑި ހުސްވާ ހާލަތްތަކުގައި ބައި-އިލެކްޝަން ބޭއްވުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ގާނޫނެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. ބިލު ދިރާސާކުރަން އުފެއްދި ހާއްސަ ކޮމިޓީން ވަނީ ބިލު ތަޅުމަށް ފޮނުވުމުގެ ކުރިން ބޮޑެތި އިސްލާހުތަކެއް ވެސް ގެނެސްފަ އެވެ. އެމްޑީޕީގެ ހަތް މެމްބަރުންގެ މައްޗަށް އެކުލަވޭ ކޮމިޓީން ފާސްކުރި ބިލު ރައީސް ތަސްދީގު ކުރެއްވިއިރު ބިލު ފާސްކުރުމުގެ ކުރިން ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. އޭގައި ވަނީ އިސްތިއުފާ ދޭންޖެހޭނެ ހާލަތްތަކެއް ބަޔާންކޮށްފަ އެވެ.
އެންޓި-ޑިފެކްޝަން ގާނޫނުގެ މަގްސަދުގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިހާބުކުރާ މެންބަރުން އެ އިންތިހާބުކުރެވޭ ދައުރުގެ ތެރޭގައި އެ އިންތިހާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއެކު، ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި، އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަޤީންކަން ލިބިގެންވާ ބައެއްކަމަށް ހެދުން ހިމެނެއެވެ.


