ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް، ބޭފުޅުން ޢައްޔަންކުރައްވައިފިއެވެ. މިބޭފުޅުން މަޤާމަށް ޢައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ރައީސްކަމުގެ މަޤާމަށް އައްޔަންކުރެއްވީ ޏ.ފުވައްމުލައް، ދަޑިމަގު. ގްލޯރީގެ އަލްއުސްތާޛު އިސްޙާޤު ޙުސައިނެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ނައިބު ރައީސްކަމަށް، އައްޔަންކުރައްވާފައި ވަނީ ޅ.ހިންނަވަރު، ހިޔާވަހި އަލްއުސްތާޛާ ފާޠިމަތު މަހީރާ މުޙައްމަދެވެ.
މީގެއިތުރުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް، ހުޅުމާލެ ހިޔާ 04-21-8 އަލްއުސްތާޛާ ޝަހީމާ ސަލީމާއި ގއ.ގެމަނަފުށި، ފެހިކުރި އަލްއުސްތާޛާ އިޝާރާ ޢަބްދުލްޢަޒީޒު އަދި ދަފްތަރު ނަންބަރު ދރ 265 އަލްއުސްތާޛާ ސައުސަން ޢަލީ ވަނީ އައްޔަންކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ.


