ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީއިން ކުރަމުންދާ ކެމްޕެއިންގައި އެއްވެސް މިސްރާބެއް ނެތް ކަމަށާ ކުރައްވަނީ އެންޓި ކެމްޕެއިން ކަމަށް ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ޕީއެންސީ އޮފީހުގައި މިއަދު މެންދުރު ކުރިއަށް ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ އިދިކޮޅުން ކުރަމުން ގެންދަނީ އެންޓި ކެމްޕެއިންކަން މަގުތަކުގައި ދަމާފައިވާ ބެނާތަކުންވެސް ފެންނާނެ ކަމަށެވެ.
އެމްޑީޕީއިން ދަމާ ބެނާތަކުން ފެންނަނީ ސަރުކާރަށް އިންޒާރުދީ އަނިޔާވެރިކަމާ ބަދަލު ހިފުމުގެ ރޫހު ކަމަށް ހީނާވިދާޅުވިއެވެ.
”މިވެނި ކަމެއް ނުވެޔޭ އެވެނި ކަމެއް ނުވެޔޭ މިވެނި ކަމެއް ނުވެއްޖެޔާ މިހެން ހަދާނަމޭ މިކަހަލަ ގޮތަކަށް ފްރޭޒް ކުރެވިފަ މި ހުންނަނީ“ ހީނާ ވިދާޅުވި އެވެ.
ހީނާ ވަނީ އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް އިބޫ ސޯލިހުގެ ވާހަކަތައް ހުންނަނީ ދުނިޔޭގެ ހައްދުފަހަނަ އަޅާފައިވާ ލީޑަރުންގެ ވާހަކަ ހުންނަ މޭރުމުންކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އިލެކްޝަން ކޮމިޝަން އަމާޒުކޮށް ހީނާ ވަނީ އެމްޑީޕީއިން އެންޓިކެމްޕެއިން ކުރަމުންދާތަން ނުފެންނަނީތޯ ސުވާލު ކުރައްވާފަ އެވެ. އިދިކޮޅު ފަރާތްތަކުން ކެންޕެއިން ކުރަމުންދަނީ އިންތިހާބުތަކާ ބެހޭ ގާނޫނާ އަދި އިލެކްޝަން ކޮމިޝަނުން ކެމްޕެއިން ކުރުމަށް ހުއްދަ ދީފައިވާ ގޮތާ މުޅިން ހިލާފަށް އިދިކޮޅުން ކެމްޕެއިން ކުރާ ކަމަށް ހީނާ ވިދާޅުވި އެވެ.
ހީނާ އިތުރަށް ވަނީ އަމިއްލައިން ހިނގާއިރު ސީދަލަށް ހިނގަން ނޭނގޭ ބަޔަކަށް މިސްރާބު ހަމަމަގަށް އަޅުއްވާނީ ކިހިނެއްތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ. އަދި އެންމެ ފުރަތަމަ އެމްޑީޕީއަށް ވެރިކަން ލިބުމުންވެސް ފެނުނީ ގައުމު ވިއްކާލިތަން ކަމަށް ހީނާ ވިދާޅުވި އެވެ.


