މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގައި ފެންބޮޑުވެއްޖެ އެވެ.
މިއަދު މެންދުރުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި މާލެ ސަރަހައްދުގައި ފެންބޮޑުވެ ގިނަ ގެތަކަކަށް ވަނީ ފެންވަދެފައެވެ.
މާލެ ސަރަހައްދަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އިން ވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ.
ވިއްސާރާއިގެ ސަބަބުން މާލޭގެ 57 ތަނެއްގައި ފެންބޮޑުވެގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ (އެންއެމްއޭ) އަށް ރިޕޯޓްކޮށްފައިވާކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ. އަދި އެކަމަށް އިޖާބަ ދިނުމުގެ މަސައްކަތް ކަމާއިގުޅޭ އިދާރާތަކާއި ގުޅިގެން ކުރަމުންދާ ކަމަށް އެ ސެންޓަރުން ބުނެފައިވެއެވެ.
މީގެއިތުރުން އެމްއެންޑީއެފް އިން ވަނީ ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމާއި އަދި ބައެއް ގެތަކަށް ފެންވަންނަމުންދާތީ، ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާކަމަށް ބުނެފައެވެ.
އަދި ފުލުހުން ވެސް ވަނީ މާލޭގައި ފެންބޮޑުވުމާއި ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ރައްޔިތުންނަށް އެހީ ފޯރުކޮށްދެމުން ދާކަމަށް ބުނެފައެވެ. ހަމައެހެންމެ މި ދަނޑިވަޅުގައި ބާރު ސްޕީޑުގައި ވެހިކަލް ނުދުއްވުމަށާއި، ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތައް މެނުވީ ނުކުރުމަށް ފުލހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުންނެވެ. ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ދަނީ ވެހެމުންނެވެ.


