ޢީދާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅުވެރިކަން ކުރާ ރަށްރަށް ދިއްލުމަށް ސަރުކާރުން ކައުންސިލްތަކަށް ދިން ލައިޓްތައް އެކައުންސިލް ތަކުގެ މިލްކަކަށް ހައްދަވައިދެއްވާނެ ކަމަށް ލޯކަލް ގަވަރްމެންޓް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިތުރު ޢީދު ބަންދަށްފަހު އޮފީސްތަށް ހުޅުވުމުން މި ލައިޓްތަކަކީ ކައުންސިލްތަކުގެ މިލްކެއްގެ ގޮތުގައި ހެދުމުގެ ރަސްމީ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
އަދި ފޮނުވާފައިވާ ތަކެތީގެ ލިސްޓާއި އެކު އެސެޓް ޓްރާންސްފާ ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެގޮތުގެ އިރުޝާދު ލޯކަލް ގަވަރުމެންޓް ޕަބްލިކް ވޯކްސް އިދާރާއިން ހިއްސާކުރާނެ ކަމަށް މިނިސްޓަރު އެކްސްގައި ވިދާޅުވި އެވެ.
ކައުންސިލް ތަކާ މި ލައިޓްތައް ހަވާލުކުރުމަށް ފަހު ރަށުގެ އިޖްތިމާއީ އަދި ގައުމީ ކަންކަމުގައި ކައުންސިލްއިން ކަޑައަޅާ ގޮތެއްގެ މަތިން ބޭނުންކުރުމުގެ އިންތިޒާމް ކައުންސިލްތަކަށް ހަމަޖެއްސުމުގެ ފުރިހަމަ ބާރު ކައުންސިލް ތަކަށް އޮންނާނެ ކަމަށެވެ.


