Tuesday, 27 October 2026

މާވަށުން 30 ހެކްޓަރުގެ ބިން ހިއްކައިދޭނަން – ރައީސް މުއިއްޒު

މާވަށުން 30 ހެކްޓަރުގެ ބިން ހިއްކައިދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލ.މާވަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ހިންގުމަށް ރާއްވަވާފައިވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން މިއަހަރުގެ ބަޖެޓުގައި ބައެއް މަޝްރޫޢު ހިމެނިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިހާރުގެ ބަޖެޓަކީ ކުރީ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓެއްކަމަށާއި، އެހެންކަމުން އެމަނިކުފާނު ބޭނުންފުޅުވި ހުރިހާ މަޝްރޫޢެއް ބަޖެޓުގައި ނުހިމެނުނުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކުރިން އެރަށުގެ ބިން ހިއްކުމަށް އޮތީ 15 ހެކްޓަރު ކަމުގައިވިޔަސް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިމޭއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކައިދޭނެ ކަމަށެވެ.

"މުޅި ރާއްޖެއަށް މުހިންމީ ބޯހިޔާވަހިކަން. ގިނަ ރަށްރަށުގައި ބިމެއް ނެތް. ބޯހިޔާވަހިކަމަށް ގޯތި ދޭން ނޫނީ މަޝްރޫޢު ހިންގަން ބިން ބޭނުންވާނެ. ކުރިން އޮތީ ތިބޭފުޅުންނަށް 15 ވަރަކަށް ހެކްޓަރުގެ ބިން ހިއްކުން. ރައްޔިތުން ބޭނުންވަނީ އިތުރުކުރަން އަދި އަޅުގަނޑުވެސް ބޭނުމީ އެގޮތް. އިރާދަކުރެއްވިއްޔާ 30 ހެކްޓަރުގެ ބިން ހިއްކާނަން. ވީހާވެސް އަވަހަށް ފެށުމަށް ދަނީ މަސައްކަތްކުރަމުން. ބަންޑުވޯލް ޖަހައި ކުރިއަށް ގެންގޮސް 30 ހެކްޓަރުގެ ބިން ހިއްކާނަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު އައިއިރު މުޅި ރާއްޖޭގައި ހުއްޓިފައިހުރި ބައެއް މަޝްރޫއުތައް އަލުން ފަށައިގެން މިހާރު ކުރިއަށްދާ ކަމަށެވެ. އަދި 50 މިލިއަން ރުފިޔާ އިން މަތީގެ ހަރަދުތައް ހިނގާ ބޮޑެތި މަޝްރޫއުތައްވެސް އެކި މަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމުގައި ވިދާޅުވި އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *