Tuesday, 28 July 2026

އިންޑިއާ އާއި ޗައިނާ އިން އެތެރެކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭ ގޮތް ހަދަނީ

އަމާޒަކީ އިންޑިއާއި ޗައިނާއިން ގެންނަ މުދަލަށް ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، މާވަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ، މަދުވެގެން ދެ އަހަރު ތެރޭގައި ޑޮލަރު ލިބޭ ރޭޓް، ރަސްމީ ބޭންކް ރޭޓަށް ތިރި ކުރުމަކީ ނުވާނެ ކަމެއް ނޫން ކަމަށެވެ.

އިންޑިއާއާއި ޗައިނާއާއެކު މިހާރު ވެސް ބޮޑެތި އަދަދުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭއިރު، ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން އެ ވިޔަފާރި ކުރެވޭ ނަމަ ޑޮލަރު އަގު ކުޑަކުރެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ވިޔަފާރިއަށް ހުޅުވާލެވިފައިވާ ގައުމެއް ކަމަށާއި ވަކި ބަޔަކާ ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އެކަމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިންޑިއާއާ އެކު 780 މިލިއަން ޑޮލަރު އަދި ޗައިނާއާ އެކު 720 މިލިއަން ޑޮލަރުގެ ވިޔަފާރި ރާއްޖެ އިން ކޮންމެ އަހަރަކު ވެސް ކުރާ ކަމަށެވެ. އެ ވިޔަފާރީގައި ރާއްޖެ ގެންނަ މުދަލަށް ޑޮލަރު ނޫން ގޮތަކަށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހުމުގެ ހުރިހާ ސިގްނަލެއް ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ކަރަންސީ ސްވޮޕް އެރޭންޖްމެންޓާއި ޓްރޭޑް ފެސިލިޓޭޝަން ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން ޗައިނާއާއިއެކު ކުރާ 720 މިލިއަން ޑޮލަރުގެ ވިޔަފާރީގެ ބައިކުޅަބައި ލިބުނު ކަމުގައި ވިޔަސް ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިންޕޯޓްކުރާ މުދަލަށް ޔުއާން ނުވަތަ ރުފިޔާއިން ފައިސާ ދެއްކޭނެ ކަމަށް ވިދާޅުވިއެވެ. ހަމައެގޮތަށް އިންޑިއާއިން ގެންނަ މުދަލަށް ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަކީ އަމާޒެއް ކަަމަށް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ދުނިޔޭގެ ހުރިހާ ވަރުގަދަ އީ-ވޮލެޓްގެ ހިދުމަތް ވެސް ރާއްޖެ ގެންނަ ވަރަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *