މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށައިފި އެވެ.
އަށެއް ޖެހިއިރު ވޯޓުލުން ފަށާފައިވާއިރު މިބުރު ހަވީރު ފަހެއް ޖަހަންދެން ވޯޓުލެވޭނެކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި އޭގެ ފަހުން ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އިންތިހާބގެ ދވަނަ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓް މުހައްމަދު މުއިއްޒު އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ދެ ވަނަ ބުރުގައި 586 ވޯޓުފޮށި ބަހައްޓާނެ ކަމަށެވެ. ވޯޓު ލުމުގެ ހައްގު 282،804 މީހަކަށް ލިބެ އެވެ. އެއީ، 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ. މި ފަހަރު ލިސްޓަށް ވަނީ ފުރަތަމަ ބުރުގެ އަދަދަށް ވުރެ 408 މީހުން އިތުރު ވެފަ އެވެ.
ރާއްޖެ އިން ބޭރުގައި މި ފަހަރު ވޯޓުފޮށި ބަހައްޓަނީ ފަސް ގައުމެއްގަ އެވެ. އެއީ އިންޑިއާ އާއި ސްރީ ލަންކާ އާއި މެލޭޝިއާ އާއި ޔޫއޭއީ އަދި އިނގިރޭސި ވިލާތުގަ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި 15،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުން އެއްވަނަ ކެންޑިޑޭޭޓުގެ ގޮތުގައި ދެ ވަނަ ބުރަށް ދަތުރު ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ އަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.


